
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް---
މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ، ގައުމުގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފައި: ފައްޔާޒް

ޖިނާން ޙުސައިން ޖަބީން - 03 ނޮވެމްބަރު 2026 - 11:24
ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ ސަބަބުން ގައުމުގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ މީސް މީޑިއާ މަންސް "އެކްސް" ގައި ހިއްސާކުރެއްވި މެސެޖެއްގައި ފައްޔާޒް ވިދާޅުވީ، މިއަހަރުގެ ނަސްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން މިދަނީ ވަރަށް ހައްސާސް ދަނޑިވަޅެއްގައި ކަމަށާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގެ ނަމުގައި ވެރިކަމާ ހަވާލުވި ފަރާތްތަކުގެ ސަބަބުން، ރާއްޖޭގެ ކުރިމަގާމެދު ގިނަ ސުވާލުތަކާއި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށެވެ.
ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ނާޒުކު އަދި ހައްސާސް ދަނޑިވަޅެއްގައި ދިވެހިން އާކުރަމުންދަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ފަސްގަނޑާއި ދީނުގެ ދިފާއުގައި ކެރިގެން ހިތްވަރާއެކު ނުކުމެވަޑައިގެންނެވި ގައުމީ ބަތަލުން ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާއެވެ. އެ ދުވަހު ދިވެހި ސިފައިންނާއި އާންމު ރައްޔިތުން ދެއްކެވި ސާބިތުކަމަކީ އަބަދުވެސް ހަނދާންކުރަންޖެހޭ އަގުހުރި ފިލާވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ފައްޔާޒް ވަނީ، އެ މަތިވެރި ޖިހާދުގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި ފުރާނައިން ގުރުބާންވި ޝަހީދުންގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވައިފައެވެ.
ރާއްޖޭގައި ނަސްރުގެ ދުވަސް ފާހަގަކުރަމުން ދަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހިންގެ މަދު ހާއިނުންތަކަކާ ގުޅިގެން ސްރީލަންކާގެ ޓެރަރިސްޓް ގުރޫޕަކުން މާލެއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާއިން ދިވެހި ގައުމު ސަލާމަތްވެ، ލިބުނު ފަހުރުވެރި ނަސްރުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ. މި އުދުވާނުގައި ދިވެހި ގައުމާއި ދީނުގެ ދިފާއުގައި ހަނގުރާމަކުރި ސިފައިންނާއި އާންމު ރައްޔިތުން ހިމެނޭހެން، ޖުމްލަ 19 ދިވެއްސަކު ވަނީ ޝަހީދުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

'ދިވެހި ގައުމު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅެއް"
6 ގަޑިއިރު ކުރިން

ނަސްރުގެ ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ވަގުތީގޮތުން ބަންދުކުރަނީ
ދުވަހެއް ކުރިން

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަޙައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ
3 ދުވަސް ކުރިން

ނޮވެމްބަރު 3: އެ ދުވަހުގެ ހަނދާންތައް ހިތްތަކުން ފިލައިގެން ނުދާނެ
އަހަރެއް ކުރިން


