logo

ނޮވެމްބަރު 3: އެ ދުވަހުގެ ހަނދާންތައް ހިތްތަކުން ފިލައިގެން ނުދާނެ

profile

ޝަހްޒާ މުޙައްމަދު - 03 ނޮވެމްބަރު 2025 - 06:14

އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހެއްގެ ތިންވަނަ ދުވަހެވެ. އެހިމޭން ފަތިހުގެ ހިމޭންކަން ނަގައިލީ ދިވެހިން އޭގެ ކުރިން ދުވަހަކުވެސް އަޑުއަހާފައި ނުވާ ބިރުވެރި އަޑަކުންނެވެ. ކުލީސިފައިގެ ބަޑީގެ އަޑުފައްގަނޑުން. އެބިރުވެރި ދުވަހުގެ ހަނދާންތަކަށް ނިމުމެއްނެތެވެ. އަމާން އޮމާން ޗާލު ދިވެހި ރާއްޖެ ސުންނާފައިކޮށްލަން އައި ނިރުބަރެވި ޖަމާއަތުގެ ރަހުމެއްނެތް އަނިޔާތަކުގެ ލަކުނުތައް ދިވެހިންގެ ހިތަތަކުގައި އަދިވެސް ހުރީ ތާޒާކަންމަތީގައެވެ.

https://wamco.com.mv/

އެމީހުން ދިވެހިންގެ 19 މީހުންގެ ލޭ މި ފަސްގަނޑަށް އޮހުރުވައި ކޯރުދަންމައިލިއެވެ. ހިތްވަރުގަދަ ސިފައިންގެ 8 ބޭކަލުންނާއި، އާންމުގެ 11 މީހުންނެވެ. އެވަރުން އެމީހުން ފުއްދައިލީއެއް ނޫނެވެ. އެތައްބައެއްގެ މުދާލޫޓުވިއެވެ. ސަރުކާރުގެ އެތައްތަނަކަށް ގެއްލުންދީ ލޫޓުވިއެވެ. ރަޙުމެއްނެތް އެތައް ޖަރީމާއެއް ހިންގިއެވެ. އެހެންނަމަވެސް އެންމެފަހުން އެމީހުންނަށް ޖެހުނީ ހަތިޔާރު ބަހައްޓައި ފިލަން ދުއްވައިގަންނާށެވެ. ދިވެހި ސިފައިންގެ ހިތްވަރުގެ ކުރިމަތީގައި އިސްދަށަށް ޖަހައިލާށެވެ. އަވަށްޓެރި އިންޑިއާ ސިފައިގެން ކުރިމަތީ ކުޑަކަކޫ ޖަހާށެވެ.

އެއީ ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ރިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ މީހުންނެވެ. އެމީހުން މާލެއާ ދިމާކޮށްލީ ބަރު ހަތިޔާރާއެކުގައެވެ. މާލެއަށް ވެރިވެފައިވާ ހިމޭންކަން ނާމާން ކަމަށް ބަދަލުކޮށްލީ ސިފައިންގެއަށް އެމީހުން ދޭންފެށި ބިރުވެރި ޙަމަލާތަކެވެ. ހިތާމަވެރިކަން އިތުރުވީ އެޙަމަލާތަކުގައި ބައެއް ދިވެހިންވެސް ބައިވެރިވާކަން އެނގުމުންނެވެ.

ވާނުވާ ނޭނގިފައިތިބި އާންމުން މަގުތަކަށް ނުކުމެ ޚަބަރުތައް ބަލަން ފެށިއެވެ. ލިބެފެށި ޚަބަރުތަކަކީ ރާއްޖޭގެ ވެރިކަން ވައްޓާލަން ހަތިޔާރުއެޅި ބަޔަކު މާލެއަރައިގެން އުޅޭވާހަކައެވެ. އެބަޔަކު އެތައް ދިވެހިންނެއް ޝަހީދުކޮށްލި ވާހަކައެވެ. ބައެއް އާންމުންނާއި ވަޒީރުން ރަހީނު ކޮށްފައިވާ ކަމުގެ ވާހަކައެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް އަވަހާރަކޮށްލަން މަސައްކަތް ކުރަމުން ގެންދާ ކަމުގެ ވާހަކައެވެ. މިފަދަ އަޑުތަކާއެކު ދިވެހިންގެ ހިތްތައް މޯޅިވެގެން ދިޔައެވެ. އެހެންނަމަވެސް ދިވެހި ސައިންނާމެދު އޮތް އިތުބާރަށް ކުޑަވެސް އުނިކަމެއް ނުގެނެއެވެ. ރަށްރަށުގެ ރައްޔިތުން ތިބީ އަދި މާ ބޮޑު ބިރުވެރިކަމަކާއި ހާސްކަމެއްގައެވެ.

ހިތްވަރުގަދަ ދިވެހި ސިފައިން ތިބީ އެގޮތަށް އައިސް ބަޔަކު ދޭ ޙަމަލާއަކަށް ދޫދެއްވާ ގޮތަކަށް ނޫނެވެ. ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށްޓަށް ދެމުން ގެންދިޔަ ޙަމަލާތަކުގެ ރައްދު ދިވެހިސިފައިން ދެއްވަމުން ގެންދެވީ ޤައުމީ ޖޯޝުގައެވެ. ޤައުމީ ވިންދު ޖަހާ، އިސްލާމީ ލޭ ހިނގާ ގަދަފަދަ ހިތަކާއެކު ދުޝްމަނުންނަށް ރައްދު ދެއްވަމުން ގެންދެވި ސިފައިގެ ޙަމަލާތަކުން ޓެރަރިސްޓުން ހުއްޓުވިއެވެ. އެމީހުން ފަހަތަށް ޖެއްސިއެވެ. އެހެންނަމަވެސް ސިފައިގެ ތެރެއިން 8 ބޭކަލެއްގެ ފުރާނަ ޤުރުބާން ކުރައްވައިގެންނެވެ. އެމަތިވެރި ޝަހީދުންނަށް މާތްﷲ ސުވަރުގޭގެ ތަނަވަސް ރަޙުމަތް މިންވަރު ކުރައްވާށިއެވެ.

އެމީހުން ކިންތަމެ މޮޅަށް ޕްލޭން ހަދައިގެން އަޔަސް މާތްﷲ ގެ ކުޅަދުންވަންތަކަން މާބޮޑެވެ. އެމީހުންގެ އެއްވެސް ޕްލޭނެއް ހިނގާގޮތެއް ނުވިއެވެ. ހުރިހާ ޕްލޭނެއް ދިޔައީ ފޭލިވަމުންނެވެ. އެހިސާބުން އެވެރިންގެ މެދުގައި ޚިޔާލު ތަފާތުވެ މައްސަލަ ޖެހުނެވެ.

އެމީހުންގެ ޕްލޭން ވިއްސިވިހާލިވެގެން ދިޔައިރު ވެސް ދިވެހި ސިފައިންގެ ޙަމަލާތަކަށް ބަދަލެއްނާދެއެވެ. މެންދުރު އެންމެ އަވިބާރުވި ވަގުތުވެސް މެދު ކެނޑުމެއްނެތި ސިފައިން ދިޔައީ ރައްދުދެއްވަމުނެވެ.

ޓެރަރިސްޓުންނާއި، ދިވެހި ސިފައިންނާ ދެމެދު ބަދަލުކުރެވެމުންދިޔަ ޙަމަލާތަކުގައި އަދުގެ ބަތަލް ޝަހީދު ޙުސައިން އާދަމް ދެއްކެވި ހިތްވަރަކީ ދިވެހި ފަސްގަނޑުގައި ދިވެހިން އުޅޭހާ ހިނދަކު ހަނދާނުން ފޮހެވޭނެ ކަމެއްނޫނެވެ. ދުޝްމަނުންގެ ކުރިމަތީ ހަނގުރާމައިގެ އެންމެމަތީ ހިތްވަރާއި ފަންވަރު ދެއްކުމަށްފަހު އޭނާ އެވީ ޝަހީދެވެ. އޭނާގެ ފުރާނައަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

ޝަހީދު ޙުސައިން އާދަމު އެދުވަހު ސިފައިންގޭގެ މައިދޮރާށި ޙިމާޔަތް ނުކޮށްދެއްވިނަމަ ދެންވާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. އޭނާގެ އަތުން އެދުވަހު ވަޒަން ހުސްނުވިނަމަތާއެވެ.

ދިވެހި ސިފައިންގެ ގަދަފަދަ ޙަމަލާގެ ކުރިމަތީގައި ބާޣީން ބަލިވަމުންދަނިކޮށް އެމީހުންނަށް އިތުރު ނާ އުންމީދަކާ ކުރިމަތިވީ ރަޙުމަތްތެރި އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެ އަންނަ ޚަބަރާ އެކުގައެވެ. މި ޚަބަރު ލިބުމާއެކު ބާޣީން މަސައްކަތް ފެށީ ފިލައިގެން ދިޔުމަށެވެ. އެގޮތުން އަތުޖެހުނު ދިވެއްސަކު ވިއްޔާ ރަހީނުކޮށްގެން މާލޭގެ ބަނދަރުގައިއޮތް، އެމްވީ ޕްރޮގްރެސް ލައިޓް ކިޔާ ބޯޓަކަށް ގެންދިޔައެވެ. އަދި އޭގައި ފިލައިގެން ދިޔުމަށް ދަތުރުފެށިއެވެ. އޭގައި ރަހީނުންގެ ގޮތުގައި 27 ދިވެހިން ގެންދިޔައެވެ. އޭގެ ތެރޭގައި އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަޙުމަދު މުޖުތަބާގެ ދެކަނބަލުން ވެސް ހިމެނިވަޑައިގެންނެވިއެވެ.

ބާޣީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިންޑިއާއިން ފޮނުވީ ހަނގުރާމަ މަތީ ތިން މަނަވަރާއި ސޯޅަ ސަތޭކަ ސިފައިންނެވެ. އިންޑިއާއިން ފޮނުވި އެހީގެ ލަޝްކަރަށް މާލެއާ ހަމައަށް އާދެވުނީ ނޮވެމްބަރުމަހުގެ ތިންވަނަދުވަހުގެ ރޭ 10:00 އެހައިކަންހާއިރުއެވެ.

ރާއްޖެ އާދެވުމާއެކު އިންޑިއާގެ މަނަވަރު ޕްރޮގްރެސް ލައިޓު ހޯދައި އޭގައިތިބި ދިވެހީން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ. އެންމެފަހުން އިންޑިއާގެ މަނަވަރުން ޕްރޮގްރެސް ލައިޓު ހޯދިއެވެ. ބޯޓު ހޯދުމަށްފަހު އަމާންދީ ބޯޓު މަޑުކުރަން އެތައްފަހަރެއްގެ މަތީން އިންޒާރު ދިނެއެވެ. އެހެންނަމަވެސް އެމީހުން އަމާނެއް ނުދިނެވެ. އިންޑިއާ މަނަވަރު ވަކިވަރަކަށް ބޯޓާ ކައިރި ކުރުމުން ޕްރޮގްރެސް ލައިޓުން މީހަކު މަރައިފައި ކަނޑަށް ވައްޓައިލިއެވެ. އެއޭއެކު އިންޑިއާ މަނަވަރު ފަހަތަށް ދިޔައެވެ. އަނެއްކާވެސް އަމާންދީ މަޑުކުރުމަށް އެންގުމުން އަމާން ނުދިނެވެ. އެންމެފަހުން އިންޑިއާ މަނަވަރުންވަނީ އެ ބޯޓަށް ހަމަލާދީ ބޯޓު ފައްތާލައިފައެވެ. އެއަށްފަހު އޭގައި ތިބި ދިވެހިންނާއި ބާޣީން މަނަވަރަށް ނެގިއެވެ.

"އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ހިންގި އެ އޮޕަރޭޝަނުގައި އިންޑިއާ ސިފައިން އެންމެ އުފާކުރި އެއްކަމަކީ އެމީހުންގެ ލަޝްކަރުގެ ތެރެއިން އެކަކުވެސް މަރުނުވެ އޮޕަރޭޝަން ނިންމައިލެވުމެވެ. އެ ލަޝްކަރުގެ ކޮމާންޑަރަކަށް ވަޑައިގެންނެވި ކާނަލް ޖޯޝީ ވިދާޅުވެފައިވަނީ އެ އޮޕަރޭޝަނުގައި އެންމެ ބޮޑަށް ވިސްނަންޖެހުނު އެއްކަމަކީ ރޭގަނޑަށް ވުމުން ބާޣީންނާއި އާންމު ދިވެހިން ވަކިކުރަން ނޭނގިދާނެތީ އެވެ. އެހެންނަމަވެސް ދިވެހި ސިފައިންގެ އެހީތެރިކަމާއެކު އެކަން ވެސް އުނދަގޫ ކަމަކަށް ނުވިއެވެ.

މި ޙަމަލާގައި ދިވެހިން އެންމެބޮޑަށް ލަދުގަނެ ދެރަވާންޖެހުނީ އޭގެ އަޑީގައި ދިވެހީންގެ މަދުބަޔަކު ނަމަވެސް ތިބުމެވެ. އަދި ޢަމަލީ ގޮތުން އެކަމުގައި ދިވެހިން ބައިވެރިވުމެވެ. އެއީ މާޒީއެވެ. މާޒީއަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑެވެ. މާޒީން ފިލާވަޅު ނަގައިގެން މުސްތަޤުބަލް ބިނާކުރުމަކީ ބުއްދިވެރިންގެ ގޮތެއް ކަމަށް ބުނެއެވެ.

މިއަދަކީ ވެސް ނޮވެމްބަރު މަހެއްގެ ތިންވަނަ ދުވަހެވެ. އެ ބިރުވެރި ހާދިސާއަށް 37 އަހަރު ވީއެވެ. އެހާދިސާ ހިތްތަކުން ފިލައިގެން ނުދިޔަަނަމަ ވެސް ހަނދާންކޮށްލަ ކޮށްލައި ތިބެގެން ވާކަށްނެތެވެ. އެދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެދުވަހުން ޢިބުރަތް ލިބިގަނެ، އެދުވަހުގެ މަތިން ހަނދާން ކުރުމަށެވެ. ބޭނުމަކީ އަދިވެސް އެފަދަ ދުވަހެއް ކުރިމަތިވެދާނެތީ ތައްޔާރަށް ތިބުމެވެ. ތައްޔާރުވުމަށް ކުރަންޖެހޭ ހުރިކަމެއް ކޮށްގެން ތިބުމެވެ.

އެދުވަހު ބާޣީން އެދިޔައީ ދިވެހި ދައުލަތުގެ ޢިއްޒަތް ލޫޓުވައިލައިފައެވެ. ދެވަނަފަހަރަށް އެފުރުސަތު ދެވިގެންނުވާނެއެވެ. މާތްﷲ ގެ ވާގިފުޅާއެކު ދިވެހި ސިފައިން އަދިވެސް ދިވެހި ދައުލަތް ޙިމާޔަތް ކޮށްދެއްވާނެއެވެ.

https://wamco.com.mv/
tel:+9607331319