
ނަސްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުންތައް ރައީސްގެ ދެކަނބަލުން ބައްލަވައިލައްވައިފި

ޝަހްޒާ މުޙައްމަދު - 03 ނޮވެމްބަރު 2025 - 14:29
ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، ދިވެހި ޤައުމީ ދިފާޢީ ބާރު، އެމް.އެން.ޑީ.އެފުން ޖުމްހޫރީ މައިދާނުގައި މިއަދު ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.
މި ހަރަކާތް ހުށަހެޅުމުގެ ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، އިސްތިގްބާލު ކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ސިފައިންގެ ހުށަހެޅުމުގެ ޙަރަކާތް ފެށުމުގެ ކުރިން، ދިވެހި ސިފައިން ވަނީ، ރައީސަށް އަސްކަރީ ކުރުނީހެއް އަރުވައިފައެވެ. އެއަށްފަހު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވާހަކަފުޅު ދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި، ދިވެހި ޤައުމީ ދިފާޢީ ބާރުން ކުރިއަށް ގެންދިޔަ ޚާއްޞަ އަސްކަރީ ހުށަހެޅުންތަކުގައި، ފެނިގެންދިޔައީ ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއަކުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ގުޅިފައިވާ ބާރުތަކުން ހިންގާ ޖޮއިންޓް އޮޕަރޭޝަންގެ ޙަރަކާތްތަކެވެ. މި ހަރަކާތުގައި، ދިވެހި ސިފައިންގެ ސްޕެޝަލް ބޯޓް ސްކޮޑްރަން، ސްޕެޝަލް ފޯސަސްގެ ޙަރަކާތްތަކާއި، ރެޕަލިންގްގެ ޙަރަކާތްތަކާއި ކައުންޓަރ އެޓޭކެއްގެ މައިދާނީ ޙަރަކާތްތަކެއް ފެނިގެންދިޔައެވެ.
މި ހުށަހެޅުމަށްފަހު، ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްވެސް ދައްކާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ދައުލަތުގެ މުއައްސަސާތައް ހިމެނޭ ވެބްސައިޓެއް ރައީސް އޮފީހުން އިފްތިތާހްކޮށްފި
19 ދުވަސް ކުރިން

ވަގުތުގެ ބޭނުން ހިފައި ރަގަޅު ނަތީޖާއެއް ހޯދުމަށް ދަރިވަރުންނާއި، ބެލެނިވެރިން މަސައްކަތް ކުރަން ޖެހޭ: ރައީސް
މަހެއް ކުރިން

ތުރުކީވިލާތުގެ އޭކޭ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
2 މަސް ކުރިން

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދެއް ރައީސާ ބައްދަލުކޮށްފި
2 މަސް ކުރިން


