logo
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް---

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް---

ކަޅު ދަބަހުގެ މައްސަލާގައި މުއްތަލިބް ހޫނު ފެނަށް، ދިފާއުގައި ތެދުވީ މުހައްމަދު އިސްމާއިލް!

profile

ޖިނާން ޙުސައިން ޖަބީން - 16 ނޮވެމްބަރު 2026 - 07:43

ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ބޮޑު ކަޅު ދަބަހެއް ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކަކާއި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް، އެމަނިކުފާނުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ތެދުވެވަޑައިގެންފިއެވެ.

https://wamco.com.mv/

ރަސްމާލެ މަޝްރޫޢާ ގުޅޭ ރިއަލް އެސްޓޭޓް ބިލު ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި މިނިސްޓަރު މުއްތަލިބު ދަބަހެއް ހިއްޕަވައިގެން މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯތައް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. މި މައްސަލައާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވަނީ މިނިސްޓަރަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައެވެ. މީކާއިލް ވިދާޅުވީ، ރޭގަނޑުގެ ވަގުތެއްގައި ފައިސާއިން ފުރިފައިވާ ކަޅު ދަބަހެއް އަޅުއްވައިގެން "ބްރަދަރ އަބްދުﷲ" މަޖިލީހަށް ވަޑައިގެންނެވި ކަމަށާއި، މިއީ ރަސްމާލެ މަޝްރޫއާ ގުޅިގެން އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރުގެ ފަރާތުން މަޖިލީހުގެ ތެރެއަށް ފޯރާފައިވާ ފައިސާ ކަމަށެވެ.

މެންބަރު މީކާއިލް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، މިނިސްޓަރު މަޖިލީހަށް ވަޑައިގެންނެވީ އާރަށުގައި ކުޅިވަރު ކުޅުއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން، މަޖިލީހުގައި ތާވަލުކުރެވިފައި އޮތް ބައްދަލުވުމަކަށް ކަމަށެވެ. އަދި އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ދަބަހަކީ ކުޅިވަރު ކުޅުއްވުމަށް ބޭނުންކުރެއްވި ބޫޓު ލާފައިވާ ދަބަހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުހައްމަދު އިސްމާއީލް މިފަދައިން ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ވެރިކަމުގައި ފައިސާ އަޅާފައި ހުރި ކަޅު ދަބަސް ހިއްޕަވައިގެން އެ ފައިސާ ބެއްސެވި ކަމަށް އޭނާ ވަނީ މީގެކުރިން އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައެވެ. އެހެންކަމުން، މުއްތަލިބްގެ ދިފާއުގައި އޭނާ މި މޭރުމުން ވާހަކަދެއްކެވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ނަމަވެސް، އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި މިނިސްޓަރު ހުންނެވީ ކުޅިވަރު ކުޅޭ ހެދުމެއްގައެއް ނޫނެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ތުރުކުރައްވައިގެން ހުންނެވީ އާދައިގެ ގަމީހަކާއި ޖީންސެކެވެ. މީގެއިތުރުން، އެ ވަގުތު މަޖިލިސް އިދާރާގެ ބޭރުގައި ތިބި ނޫސްވެރިން އެ ދަބަހާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް މިނިސްޓަރު އެއްވެސް ޖަވާބެއް ނުދެއްވައި ވަޑައިގަތުމަކީ އާންމުންގެ މެދުގައި ޝައްކުތައް އިތުރަށް ބޮޑުވެގެންދިޔަ ކަމެކެވެ.

ދަންވަރުގެ ވަގުތެއްގައި މިފަދަ ބޮޑު ދަބަހަކާއެކު މިނިސްޓަރު މަޖިލީހަށް ވަޑައިގެންނެވި މަގްސަދާމެދު ސުވާލު އުފެދިފައިވާއިރު، ރަސްމާލެ މަޝްރޫއު ކުރިއަށްގެންދިއުމުގައި ސަރުކާރުގެ ދެފުށްފެންނަ މިންވަރާއި ނިޔަތާމެދު ވެސް ސިޔާސީ މައިދާނުގައާއި އާންމުންގެ މެދުގައި ދަނީ ބޮޑެތި ބަހުސްތަކެއް ކުރެވެމުންނެވެ.

https://wamco.com.mv/
tel:+9607331319