
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން---
އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު، މަޖިލީހުން ފާސްކޮށްފި

ޖިނާން ޙުސައިން ޖަބީން - 17 ނޮވެމްބަރު 2026 - 11:11
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށާއި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ ސަބް ކޮމިޓީން ނިންމި ގޮތަށެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ޓެކްސް ދައްކަންޖެހޭ އާމްދަނީ ކަނޑައެޅުމުގައި، ޓެކްސް ދައްކާ ފަރާތްތަކުން އުނިކުރާ އިންޓްރެސްޓްގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކުރުމެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކްސް އެބިޓްޑާގެ 25އިންސައްތައެވެ. މީގެ އިތުރުން މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ހުރި ބައެއް މާއްދާތައް އުނިކުރުމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ. މި ގާނޫނު ތަންފީޒުކުރަން ފެށުމުން، ދައުލަތަށް އާމްދަނީގެ ގޮތުގައި 496،300،302 (ހަތަރުސަތޭކަ ނުވަދިހަ ހަ މިލިއަން ތިންސަތޭކަ ހާސް ތިންސަތޭކަ ދޭއް) ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
މީގެ އިތުރުން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މައިގަނޑު މަގްސަދަކީ ޓެކުހަށް މަކަރުހެދުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ. ހަމައެހެންމެ، ވިޔަފާރިތަކަށް މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ގާނޫނުގައި ހުރި ބައެއް ހުރަސްތައް ނައްތާލުމާއި، ރާއްޖޭގެ އިންބައުންޑް ޓޫރިޒަމް ކުރިއެރުވުމަށް މަގުފަހިކޮށްދީ، ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މި ބިލަކީ މުހިންމު ބިލެއްކަން މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީ ފިކުރުގެ އިހުތިރާމުގެ ސުންނަތް ދެމިއޮންނަނީ ފަސް އަހަރުދުވަހަށް: ފިއްޓޭ
12 ގަޑިއިރު ކުރިން

އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ދުވަހެއް ކުރިން

ކަޅު ދަބަހުގެ މައްސަލާގައި މުއްތަލިބް ހޫނު ފެނަށް، ދިފާއުގައި ތެދުވީ މުހައްމަދު އިސްމާއިލް!
ދުވަހެއް ކުރިން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި: މައްސަލަ ބަލަން އެދިއްޖެ
ދުވަހެއް ކުރިން


