
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)---
ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި: މައްސަލަ ބަލަން އެދިއްޖެ

ޖިނާން ޙުސައިން ޖަބީން - 16 ނޮވެމްބަރު 2026 - 07:41
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ 20 މީހަކު، ޖަލު ބަންދުން ގޭބަންދަށް ބަދަލުކޮށްފައިވާ މައްސަލައެއް ފެންމަތިވެ، އެކަން ބައްލަވައި ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި މެންބަރު ފާހަގަކުރައްވާފައިވަނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް (ސީއެފްޕީއެސް) އިން އާންމުކޮށްފައިވާ "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު" ގައި ހިމެނޭ 20 ކުށްވެރިއަކު މިވަގުތު ގޭބަންދުގައި ތިބިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ތަފްސީލު ހިމެނޭ ލިސްޓެއް ވެސް އެ ސިޓީއާއެކު މެންބަރު ވަނީ ހުށަހަޅުއްވާފައެވެ.
މެންބަރު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވެސް މިފަދަ ކުއްތައް ސާބިތުވާ ފަރާތްތަކަށް ކަފާލާތު ނުވަތަ ޕެރޯލްގެ ފުރުސަތު ނުލިބޭނެކަން ސާފުކޮށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން، މި ގާނޫނުތަކުގެ އަސާސީ މަގްސަދަކީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ކުށްވެރިން މުޖުތަމައާ އެކަހެރިކޮށް، ހުކުމް ތަންފީޒުކޮށް ނިމެންދެން ޖަލު ބަންދުގައި ބޭތިއްބުން ކަމަށްވާއިރު، އެ މީހުން ގޭބަންދަށް ދޫކޮށްލާފައިވަނީ ކޮން އުސޫލަކުންތޯ މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ.
މިއީ މުޅި މުޖުތަމައުގެ ރައްކާތެރިކަމާއި ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ ނާޒުކު މައްސަލައަކަށް ވާތީ، މިކަމުގައި ގާނޫނީ ގޮތުން ޒިންމާވާންޖެހޭ މުއައްސަސާތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން މި މައްސަލައިގައި ކޮމިޓީ މަރުހަލާގައި މައިގަނޑު ގޮތެއްގައި ސާފުކުރުމަށް އެދިވަޑައިގެންފައިވާ ކަންތައްތަކުގެ ތެރޭގައި 5 ކަމެއް ހިމެނެއެވެ.
އެއީ:
- އެ މީހުން ޖަލުން ގޭބަންދަށް ބަދަލުކުރުމަށް ނިންމީ ކޮން ފަރާތަކުން، ކޮން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުންތޯ ބެލުން.
- ގޭބަންދުގައި ތިބޭއިރު ކަނޑައަޅާފައިވާ ޝަރުތުތަކަކީ ކޮބައިކަމާއި، އެ ޝަރުތުތަކަށް އެ މީހުން އަމަލުކުރޭތޯ މޮނިޓަރ ކުރަނީ ކޮން އުސޫލަކުންކަން ދެނެގަތުން.
- އެ މީހުން ދިރިއުޅޭ ގެތަކާއި ރަށްރަށުގައި ތިބި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅު އަޅާފައިވޭތޯ އާއި، އެކަން ރަށު ކައުންސިލްތަކަށާއި ބެލެނިވެރިންނަށް އަންގާފައިވޭތޯ ބެލުން.
- އިލެކްޓްރޯނިކް ޓެގް އަޅުވައިގެން އެފަދަ މީހުން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ނުވަތަ ސިޔާސަތެއް އެކުލަވާލާފައިވޭތޯ ކަށަވަރުކުރުން.
- އެ ކުށްވެރިން އަވަސް މުއްދަތެއްގެ ތެރޭގައި އަނބުރާ ޖަލަށް ގެންދިއުމަށް ކަމާބެހޭ ވުޒާރާއިން އަޅާނެ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކުރުން.
މީގެއިތުރުން، ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މި މައްސަލައަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ރައީސްގެ އަރިހުން މެންބަރު މުޙައްމަދު އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު، މަޖިލީހުން ފާސްކޮށްފި
8 ގަޑިއިރު ކުރިން

ޕީއެންސީ ފިކުރުގެ އިހުތިރާމުގެ ސުންނަތް ދެމިއޮންނަނީ ފަސް އަހަރުދުވަހަށް: ފިއްޓޭ
12 ގަޑިއިރު ކުރިން

އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ދުވަހެއް ކުރިން

ކަޅު ދަބަހުގެ މައްސަލާގައި މުއްތަލިބް ހޫނު ފެނަށް، ދިފާއުގައި ތެދުވީ މުހައްމަދު އިސްމާއިލް!
ދުވަހެއް ކުރިން


