
ސީވޯދިނަސް ސެޓްފިކެޓް ދޫކުރުމުގެ އުސޫލަށް ގެނެވުނު މުހިންމު ބަދަލުތަކާ ގުޅޭގޮތުން، ސ. ހިތަދޫ ރީޖަނަލް ޕޯޓުގެ ޕޯޓް ސެކިއުރިޓީ އޮފިސަރުންނާއި ކަމާގުޅޭ އެހެނިހެން ދާއިރާތަކަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނުގެ ތެރެއިން
ސީވޯދިނަސް ސެޓްފިކެޓުގެ އާ ބަދަލުތަކަށް ހިތަދޫ ޕޯޓުގެ އޮފިސަރުން އަހުލުވެރިކުރުވައިފި

އާމިނަތު ޝަޒްލާ - 05 ނޮވެމްބަރު 2026 - 13:35
ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް (ސީވޯދިނަސް ސެޓްފިކެޓް) ދޫކުރުމުގެ އުސޫލަށް ގެނެވުނު މުހިންމު ބަދަލުތަކާ ގުޅޭގޮތުން، ސ. ހިތަދޫ ރީޖަނަލް ޕޯޓުގެ ޕޯޓް ސެކިއުރިޓީ އޮފިސަރުންނާއި ކަމާގުޅޭ އެހެނިހެން ދާއިރާތަކަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް މިއަދު ބާއްވައިފިއެވެ.
މި ސެޝަނަކީ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ، ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓަކީ ކޮންމެ އަހަރަކު އެއްފަހަރު ސާވޭކޮށް، އެންޑޯޒްމަންޓް ހޯދަންޖެހޭ އެއްޗެއްގެ ގޮތުގައި ހަމަޖައްސައި، އެ ސެޓްފިކެޓްގެ މުއްދަތު 5 އަހަރަށް އިތުރުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅޭގޮތުންނެވެ.
މީގެއިތުރުން، އެ ސެޓްފިކެޓްގެ މުއްދަތު ގުނާނެ ގޮތާއި، އަހަރީ އެންޑޯޒްމަންޓްތައް ފުރިހަމަކުރަންޖެހޭ މުއްދަތުތަކުގެ ތަފުސީލު ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ. އަދި ސެޓްފިކެޓްގައިވާ މައުލޫމާތުތައް ކަށަވަރުކުރާނެ ގޮތްތަކާއި، އުޅަނދުފަހަރުގެ ފަޅުވެރިން ބަދަލުވުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާ ގުޅޭގޮތުންވެސް މި ސެޝަންގައި ވަނީ ފުޅާ ދާއިރާއެއްގައި އިރުޝާދު ދީފައެވެ.
ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މީގެކުރިން އަމަލުކުރަމުން އައީ ކޮންމެ އަހަރަކު ސަލާމަތީ ސެޓްފިކެޓް އާކުރަންޖެހޭ އުސޫލަކަށެވެ. ނަމަވެސް، އުޅަނދުފަހަރުގެ ވެރިންނަށާއި އޮޕަރޭޓަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށާއި، ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ 5 އަހަރުގެ މުއްދަތަކަށް ސެޓްފިކެޓް ދޫކުރާ ގޮތަށް ބަދަލު ގެނެސްފައެވެ. އެހެންނަމަވެސް، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެ އަހަރަކުވެސް ކަނޑައެޅޭ މުއްދަތެއްގައި ސާވޭކޮށް އެންޑޯޒްމަންޓް ހޯދަންޖެހެއެވެ.
މިފަދަ މައުލޫމާތު ދިނުމުގެ ސެޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ކަމާގުޅޭ މުވައްޒަފުންނަށް ކުރިއަށްގެންދިއުމަކީ، ކަނޑުދަތުރުފަތުރުގެ ގަވާއިދުތައް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުވެ، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށް ކަމާބެހޭ އިދާރާތަކުން ދެކެއެވެ.
ގުޅުން ހުރި ޙަބަރުތައް

އިޒްރޭލުގެ ރައީސް އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށް ސަރުކާރު އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފި
18 މިނިޓު ކުރިން

90 އަށްވުރެ ގިނަ ސިއްހީ ހިދުމަތް ދޭ ރަށްރަށުގައި ބައެއް ޓެސްޓްތައް ނުހެދޭ
20 މިނިޓު ކުރިން

މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

މިދިޔަ މަހު ފުލުހުންގެ ރެކޯޑުތަކުގައި ވައްކަމާއި އެކްސިޑެންޓްގެ ޖުމްލަ 900 އަށް ވުރެ ގިނަ މައްސަލަ!
ގަޑިއިރެއް ކުރިން


