logo
ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީ

90 އަށްވުރެ ގިނަ ސިއްހީ ހިދުމަތް ދޭ ރަށްރަށުގައި ބައެއް ޓެސްޓްތައް ނުހެދޭ

profile

މުޙައްމަދު ފަޟްލޫން - 05 ނޮވެމްބަރު 2026 - 13:23

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްދޭ 90 އަށްވުރެ ގިނަ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލް ތަކުން އަސާސީ ލެބޯޓްރީ ޓެސްޓްތައް ނުހެދި، ހިދުމަތް މެދުކެނޑިފައިވާތީ އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެއްޖެއެވެ.

https://wamco.com.mv/

މައުލޫމާތު ލިބިފައިވާ ގޮތުގައި އަތޮޅުތެރޭގެ 90 އަށް ވުރެ ގިނަ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ލޭގެ އާންމު ޓެސްޓުތައް ނުހެދޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެތަންތަނުން އެންމެ އާދައިގެ ޓެސްޓްތައް ވެސް ނުހެދި ގިނަ ދުވަސްތަކެއް ވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މީގެ ތެރޭގައި ތައިރޮއިޑް ޓެސްޓާއި ހިމަގްލޮބިން ޓެސްޓާއި ހަކުރު ޓެސްޓާއި ކޮލެސްޓްރޯލް ޓެސްޓް ފަދަ ޓެސްޓްތައް ހިމެނެއެވެ.

ހިދުމަތް މެދުކެނޑެން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޓެސްޓުތައް ހެދުމަށް ބޭނުންވާ ކޮންސިއުމެބަލްސް ނުލިބުން ހިމެނެއެވެ.

މިކަމާ ގުޅިގެން ރަށްރަށުގެ އާންމު ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައާއި އެކި ގޮތްގޮތުން ސަރުކާރަށާއި ކަމާބެހޭ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އާންމުން ބުނަމުންދަނީ، އާދައިގެ ލޭ ޓެސްޓެއް ކޮށްލުމަށްވެސް ބޮޑު ހަރަދެއް ކޮށްފައި މާލެ އަަންނަން ޖެހުމަކީ ބަލިމީހުންނަށާއި އާއިލާތަކަށް އުފުލަންޖެހިފައިވާ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ.

އާންމު ރައްޔިތުން ގޮވާލަމުންދަނީ އަސާސީ ސިއްހީ ހިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ލިބެންޖެހޭ ހައްގަކަށް ވާތީ، 90 އަށްވުރެ ގިނަ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ލެބޯޓްރީ ހިދުމަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި އަލުން ފަށައި، ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ގެނެސްދިނުމަށެވެ.

https://wamco.com.mv/
tel:+9607331319