logo
އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގް، ފޮޓޯ: އަލްޖަޒީރާ

އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގް، ފޮޓޯ: އަލްޖަޒީރާ

އިޒްރޭލުގެ ރައީސް އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށް ސަރުކާރު އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފި

profile

އާމިނަތު ޝަޒްލާ - 05 ނޮވެމްބަރު 2026 - 13:25

އިސްރާއީލުގައި މިދިޔަ ހަފްތާގައި ބޭއްވި ޕާލަމަންޓް އިންތިޚާބުގެ ރަސްމީ ނަތީޖާ އެ ގައުމުގެ ރައީސް އައިޒަކް ހަރްޒޮގް ބަލައިގަންނަވައި، އާ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ރަސްމީކޮށް މަޝްވަރާ ކުރަން ފަށައިފިއެވެ.

https://wamco.com.mv/

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ރައީސް ހެރްޒޮގް އެޅުއްވި މި ފިޔަވަޅަކީ، އިންތިޚާބުގެ ނަތީޖާގެ އިތުބާރު ކަނޑުވާލުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. މި އިންތިޚާބުގައި ނަތަންޔާހޫ އާއި އޭނާގެ އިއްތިހާދަށް 120 މެންބަރުންގެ މައްޗަށް އެކުލެވޭ ޕާލަމަންޓުގެ އަޣުލަބިއްޔަތު ވަނީ ގެއްލިފައެވެ. އަދި ހަމައެއާއެކު ޢަރަބި ޕާޓީތަކުން ވަނީ މި އިންތިޚާބުގައި ތާރީޚީ ބޮޑު ކުރިއެރުންތަކެއް ހޯދާފައެވެ.

މަޝްވަރާތައް ފައްޓަވަމުން ހެރްޒޮގް ވިދާޅުވީ، "އިންތިޚާބު ނިމިއްޖެއެވެ. މިހާރު މިއޮތީ ހަގީގަތާ ކުރިމަތިލާންޖެހޭ ވަގުތެވެ."

އޮކްޓޫބަރު 27 ގައި ބޭއްވުނު މި އިންތިޚާބުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށް ނުވަތަ އެމަނިކުފާނާ އެންމެ ވާދަވެރި އިދިކޮޅު ލީޑަރު ގާޑީ އައިޒެންކޮޓްގެ އިއްތިހާދަށް ވެސް، ސަރުކާރު އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ބޮޑުވަޒީރުގެ ކޯލިޝަނަށް ލިބުނީ 53 ގޮނޑިއެވެ. އަދި އައިޒެންކޮޓްގެ އިއްތިހާދަށް ލިބިފައިވަނީ 48 ގޮނޑިއެވެ.

މިއާއެކު، ސަރުކާރެއް އެކުލަވައިލުމަށްޓަކައި އެ ދެ ބޭފުޅުންގެ މެދުގައި އިއްތިހާދެއް އުފެއްދުމުގެ ފުރުސަތު ނުވަތަ އައިޒެންކޮޓް އާއި އަރަބި ޕާޓީތައް ކަމަށްވާ ރާއަމް އަދި ޖޮއިންޓް ލިސްޓާ ދެމެދު އިއްތިހާދެއް އުފެއްދުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފައެވެ. މި އިންތިޚާބުގައި އަރަބި ޕާޓީތަކުން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 19 ގޮނޑި ކާމިޔާބުކޮށްފައެވެ.

ޕާޓީތަކުގެ ލީޑަރުންނާއެކު ބޭއްވި މަޝްވަރާތަކުގެ ފުރަތަމަ ދުވަސް ބުދަ ދުވަހުގެ ރޭ ނިންމަވާލައްވަމުން ހެރްޒޮގް ވިދާޅުވީ، ބުރާސްފަތި ދުވަހު ވެސް މި މަޝްވަރާތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

މީގެއިތުރުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ހެރްޒޮގް ހާމަކުރެއްވި ގޮތުގައި، އެމަނިކުފާނު ވަނީ ރިލިޖަސް ޒަޔަނިޒަމް، ޒެހޫތު، ޝާސް އަދި ޔިސްރޭލް ބޭޓެނޫ ފެކްޝަންތަކުގެ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ. އަދި ސަރުކާރު އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރަން ފެންނަ މަޖިލިސް މެންބަރަކާ ގުޅޭގޮތުން އެ ފަރާތްތަކުގެ ރަސްމީ ލަފާ މިހާރު ވަނީ ލިބިވަޑައިގެންފައެވެ.

މި ބައްދަލުވުންތަކުގައި ނަތަންޔާހޫގެ ދީނީ-ގައުމީ ފިކުރުގެ ތިން ފެކްޝަނަކުން ލަފާދީފައިވަނީ އަލުން ބޮޑުވަޒީރަށް ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް، ކުރިން ނަތަންޔާހޫގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުރެ، މިހާރު އޭނާއާ ދެކޮޅު ވާދަވެރިއަކަށް ވެފައިވާ ބޭފުޅަކު އިސްވެ ހުންނަ ހަތަރުވަނަ ފެކްޝަނުން ތާއީދުކޮށްފައިވަނީ އިދިކޮޅު ލީޑަރު އައިޒެންކޮޓް އަށެވެ.

https://wamco.com.mv/
tel:+9607331319