logo
ޓްރެފިކް ބަލަހައްޓަމުންދާ ދިވެހި އަންހެން ފުލުހެއް، ފޮޓޯ: ސޯޝަލް މީޑިއާ

ޓްރެފިކް ބަލަހައްޓަމުންދާ ދިވެހި އަންހެން ފުލުހެއް، ފޮޓޯ: ސޯޝަލް މީޑިއާ

މިދިޔަ މަހު ފުލުހުންގެ ރެކޯޑުތަކުގައި ވައްކަމާއި އެކްސިޑެންޓްގެ ޖުމްލަ 900 އަށް ވުރެ ގިނަ މައްސަލަ!

profile

އާމިނަތު ޝަޒްލާ - 05 ނޮވެމްބަރު 2026 - 12:46

ނިމިދިޔަ އޮކްޓޫބަރު މަހު ދިވެހި ފުލުހުންގެ ޚިދުމަތަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމާއި، މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ފުލުހުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

https://wamco.com.mv/

ފުލުހުން މަހުން މަހަށް އާންމުކުރާ ކުށުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހު މުޅި ރާއްޖެއިން ޖުމްލަ 967 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އޮކްޓޫބަރު މަހު ވައްކަމުގެ 264 މައްސަލަ ހުށަހެޅިފައިވާއިރު، މިއީ ސެޕްޓެމްބަރު މަހު ރިޕޯޓުކުރި 278 މައްސަލައާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެއްގަމު ދަތުރުފަތުރުގެ އެކްސިޑެންޓުތަކެވެ. އޮކްޓޫބަރު މަހު 221 އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، މިއީ ސެޕްޓެމްބަރު މަހު ރިޕޯޓުކުރި 224 އެކްސިޑެންޓާ އަޅާބަލާއިރު ތިން މައްސަލައިގެ މަދުވުމެކެވެ. ލިސްޓުގެ ތިންވަނައިގައި ހިމެނެނީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 183 މައްސަލައެއް މިދިޔަ މަހު ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ފުލުހުންނަށް ހުށަހެޅުނު އެހެނިހެން މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، ތަކެތި ގެއްލުމުގެ 80 މައްސަލައަކާއި، މުދަލަށް ގެއްލުން ދިނުމުގެ 70 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން މާރާމާރީ އާއި އަނިޔާކުރުމުގެ 59 މައްސަލައަކާއި، ޖިންސީ ގޯނާގެ 33 މައްސަލަ، ގެވެށި އަނިޔާގެ 22 މައްސަލަ، މަކަރާއި ހީލަތް ހެދުމުގެ 18 މައްސަލަ، މަގުމަތިންނާއި އެކި ތަންތަނުން ފޭރުމުގެ 10 މައްސަލަ އަދި ލިޔެކިޔުން ފޯޖް ކުރުމުގެ 7 މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖޭގައި ވައްކަމާއި މަސްތުވާތަކެތީގެ ވަބާއަކީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އިޖުތިމާއީ ގޮތުންނާއި އަމަންއަމާންކަމުގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން އެތަކެތި ހޯދުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި ވައްކަމާއި ފޭރުމުގެ އަމަލުތައް ހިންގާ މިންވަރު އިތުރުވަމުންދާކަން މީގެ ކުރިން ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، އޮންލައިންކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ވެސް ރާއްޖޭގައި އަންނަނީ ދުވަހެއް ދުވަހަކަށް ފުޅާވަމުންނެވެ.

އަނެއްކޮޅުން، މާލެ ސަރަހައްދުގެ ތޮއްޖެހުމާއި، ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަނީ އާންމު ކަމަކަށް ވެފައެވެ. ހާއްސަކޮށް ސިނަމާލެ ބުރިޖާއި ހުޅުމާލޭގެ ހައިވޭ އަދި މައި މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި، އެތައް ބައެއްގެ ފުރާނަ ގެއްލި ބޮޑެތި އަނިޔާތައް ލިބެމުންދާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިގޮތުން، ފުލުހުން މަގުމަތީގެ އަމާންކަން ގާއިމުކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ގަވާއިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އަދި ރައްޔިތުންގެ މުދަލާއި ފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލެއާއި އަތޮޅުތެރޭގައި ފުލުހުންގެ ޕެޓްރޯލްތައް އިތުރުކޮށް، ކުށް މަދުކުރުމަށް ރައްޔިތުންނާ ގުޅިގެން ގިނަ ހަރަކާތްތަކެއް ފުލުހުން އަންނަނީ ހިންގަމުންނެވެ.

https://wamco.com.mv/
tel:+9607331319