
ގއ. ވިލިނގިލީގައި އަލަށް ތަރައްގީކުރި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ އިމާރާތް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ވިލިނގިލީގައި ހެދި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް އެއްކޮށް ނިންމާލައިފި

އާމިނަތު ޝަޒްލާ - 05 ނޮވެމްބަރު 2026 - 11:57
ގއ. ވިލިނގިލީގައި އަލަށް ތަރައްގީކުރި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފި ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ބިނާކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ ހާއްސަ ސިޔާސަތުގެ ދަށުން ނިންމާލެވުނު މުހިންމު މަސައްކަތެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ސިޔާސަތުގެ ތެރެއިން ވިލިނގިލީގައި ކުރިއަށްދިޔަ އައު އިމާރާތުގެ އެންމެހައި މަސައްކަތްތައް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަރުކަޒަކީ އެ ރަށާއި އަދި އެ ސަރަހައްދުގެ ދަރިވަރުންނާއި އާންމު ރައްޔިތުންނަށް ކީރިތި ޤުރުއާން އުނގެނުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ތަރައްގީކުރެވުނު ތަނެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުމަށް ސަރުކާރުން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިއުލާނުކުރެއްވީ، ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.
އެ ދަތުރުފުޅުގެ ތެރެއިން، 24 ސެޕްޓެމްބަރު ވީ ދުވަހު ތ. ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސިޔާސަތުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، ރަށްރަށުގައި ޤުރުއާނާ ބެހޭ ގޮފިތައް ބިނާކުރާއިރު، އެ ރަށެއްގެ އާބާދީގެ ނިސްބަތަށާއި، ލިބެންހުރި ބިމުގެ ޖާގައަށް އަދި މިހާރުވެސް އެ ރަށެއްގައި ގާއިމުވެފައިވާ ވަސީލަތްތަކަށް ރިއާޔަތްކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ވިލިނގިލީގެ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ އިމާރާތުގެ މަސައްކަތް ނިމިގެން ދިއުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނުން ހައްޖު ޖާގަ ކަށަވަރުކުރެވޭ ގޮތް ހަދައިފި
10 މިނިޓު ކުރިން

ދުވަހެއް ދުވަހަކަށް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
15 މިނިޓު ކުރިން

ނޮވެމްބަރު 19 ގެ ނިޔަލަށް ބަޖެޓް ދިރާސާކޮށް ނިންމަނީ
15 މިނިޓު ކުރިން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
4 ގަޑިއިރު ކުރިން


