
ބަޖެޓް ދިރާސާ ކުރާ ކޮމީޓީގެ ބައްދަލުވުން / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ނޮވެމްބަރު 19 ގެ ނިޔަލަށް ބަޖެޓް ދިރާސާކޮށް ނިންމަނީ

މުޙައްމަދު ފަޟްލޫން - 05 ނޮވެމްބަރު 2026 - 11:52
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް، މި ހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި 19 ނޮވެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
މި ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ތާއީދުކުރެއްވިއިރު، އެ ހުށަހެޅުން ފާސްވެގެންދިޔައީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއީ ހިނގަމުންދާ އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.
ބަޖެޓުގެ ޖުމްލަ ޢަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، އަންނަ އަހަރުގެ ރިކަރަންޓް ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މި ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރުމަށް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކުގެ ބިންގާ އެޅުން ކަަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވިލިނގިލީގައި ހެދި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް އެއްކޮށް ނިންމާލައިފި
6 މިނިޓު ކުރިން

65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނުން ހައްޖު ޖާގަ ކަށަވަރުކުރެވޭ ގޮތް ހަދައިފި
7 މިނިޓު ކުރިން

ދުވަހެއް ދުވަހަކަށް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
11 މިނިޓު ކުރިން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
4 ގަޑިއިރު ކުރިން


