
އުމްރާއިން އެނބުރި ރާއްޖެ އައި ބަޔަކު އެއަރޕޯޓްގައި
65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނުން ހައްޖު ޖާގަ ކަށަވަރުކުރެވޭ ގޮތް ހަދައިފި

މުޙައްމަދު ފަޟްލޫން - 05 ނޮވެމްބަރު 2026 - 11:57
ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް ގެނެވުނު އައު އިޞްލާޙާ އެކު، އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖުގެ މަތިވެރި އަޅުކަމަށް ޖާގަ ރިޒާވްކުރުމުގެ ފުރުސަތު ހުޅުވާލައި، އެ އުސޫލަށް ޢަމަލުކުރަން ފަށައިފިއެވެ.
މި އިޞްލާޙު ގެނައުމުގެ ކުރިން، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ޙައްޖުގެ ޖާގަ ކަށަވަރުވާ މަރުޙަލާގައި 65 އަހަރު ފުރޭ ފަރާތްތަކަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ މި ބޭނުމަށް ދޫކުރުމުގެ ޤާނޫނީ ޖާގައެއް ނޯވެއެވެ. ނަމަވެސް، އަލަށް ޢަމަލުކުރަން ފެށި އުސޫލުގެ ދަށުން، ޝަރުޠު ހަމަވާ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖު އަދާކުރުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.
މި އުސޫލުގެ ދަށުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މެންބަރަކު ރިޓަޔަރމަންޓް ޢުމުރު ހަމަވެފައިވީ ނަމަވެސް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ނުވަތަ ސަރުކާރުން ހުއްދަ ދީފައިވާ ހައްޖު ގްރޫޕެއްގެ ހަވާލުގައި ހައްޖަށް ދިއުމަށްޓަކައި ޕެންޝަން ފައިސާއިން ޖާގަ ރިޒާވްކުރެވޭނެއެވެ.
މި ސްކީމުގެ ޝަރުޠުތަކުގެ ތެރޭގައި، މީގެ ކުރިން ފަރުޟު ހައްޖު އަދާކޮށްފައި ނުވުމާއި، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336،000 (ތިން ލައްކަ ތިރީސް ހަ ހާސް) ރުފިޔާ ހުރުން ހިމެނެއެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ ފަރާތެއް ނަމަ، އެ ފައިސާ އުނިކުރުމަށް ފަހު ވެސް އެކައުންޓުގައި 336،000 ރުފިޔާ ބާކީ ހުންނަންޖެހެއެވެ.
މި އިންތިޒާމުގެ ދަށުން، ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ޙައްޖު ކޯޕަރޭޝަނަށް ދެއްކުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. އަދި ބާކީވާ 80 އިންސައްތަ ފައިސާ އެއްފަހަރާ އެކައުންޓުން އުންޏެއް ނުވާނެއެވެ. އެ ފައިސާ ޙައްޖު ކޯޕަރޭޝަނާ ރަސްމީކޮށް ޙަވާލުކުރުމާ ހަމައަށް، ދާނީ އިންވެސްޓްމަންޓް ފައިދާ ލިބޭ ގޮތަށް އިންވެސްޓްކުރެވެމުންނެވެ.
އައު އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، ޕެންޝަން ޢިނާޔަތް ލިބެމުންދާ ފަރާތްތަކާއި އަލަށް ރިޓަޔަރކުރާ ފަރާތްތަކަށް މަހުން މަހަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ޙައްޖަށް ރިޒާވްކުރެވޭ ފައިސާއެއް ނުހިމެނޭނެއެވެ. އެހެންކަމުން، މި ބެނެފިޓްގެ ބޭނުން ހިފުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ ޢަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ. ނަމަވެސް، އެއްވެސް ޙާލަތެއްގައި ޙައްޖު ރިޒަވޭޝަން ބާޠިލުވެ، އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން މަހު ޕެންޝަން އަލުން މުރާޖަޢާކޮށް ހިސާބުކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވިލިނގިލީގައި ހެދި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް އެއްކޮށް ނިންމާލައިފި
6 މިނިޓު ކުރިން

ދުވަހެއް ދުވަހަކަށް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
12 މިނިޓު ކުރިން

ނޮވެމްބަރު 19 ގެ ނިޔަލަށް ބަޖެޓް ދިރާސާކޮށް ނިންމަނީ
12 މިނިޓު ކުރިން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
4 ގަޑިއިރު ކުރިން


