logo
މީރާ، ފޮޓޯ: ސޯޝަލް މީޑިއާ

މީރާ، ފޮޓޯ: ސޯޝަލް މީޑިއާ

ދައުލަތުގެ ދަރަނި 156.7 ބިލިއަން ރުފިޔާއަށް އަރައިފި

profile

އާމިނަތު ޝަޒްލާ - 28 ނޮވެމްބަރު 2026 - 13:20

މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި 3.9 ބިލިއަން ރުފިޔާއިން އިތުރުވެ، ޖުމްލަ އަދަދު 156.69 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ފިނޭންސުން އާންމުކޮށްފައިވާ "ކުއާޓަލީ ޑެޓް ބުލެޓިން" ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 152 ބިލިއަން ރުފިޔާގައެވެ. އެއީ އޭރު ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި ދަރަންޏަށް އައި އިތުރުވުމާއެކު، ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު މިހާރު ވަނީ 127 ޕަސެންޓަށް އުފުލިފައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ދަރަނި މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ އެތެރޭގެ ދަރަންޏަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. އެގޮތުން ތިންވަނަ ކުއާޓަރުގައި އެތެރޭގެ ދަރަންޏަށް ވަނީ 3.4 ބިލިއަން ރުފިޔާ އިތުރުވެފައެވެ. މީގެއިތުރުން ސީދާ ސަރުކާރުގެ ދަރަނި (ބަޖެޓަރީ ސެންޓްރަލް ގަވަމަންޓް ޑެޓް) 133 ބިލިއަން ރުފިޔާއިން 137 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، އޭގެ ތެރެއިން އެތެރޭގެ ދަރަނި ވަނީ 96.7 ބިލިއަން ރުފިޔާއިން 99.8 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. އަދި ބޭރުގެ ދަރަންޏަށް މި މުއްދަތުގައި އިތުރުވެފައިވަނީ 277 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ދަރަނީގެ ހިސާބުތަކަށް ބަލާއިރު، ސީދާ ސަރުކާރުގެ ދަރަނި ވަނީ 137 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ އެތެރޭގެ ދަރަނީގެ ގޮތުގައި ހުރި 99.8 ބިލިއަން ރުފިޔާއާއި، ބޭރުގެ ދަރަނީގެ ގޮތުގައި ހުރި 37 ބިލިއަން ރުފިޔާއެވެ. މީގެއިތުރުން، ސޮވަރިން ގެރެންޓީ ދީފައިވާ ދަރަނީގެ ޖުމްލަ 19.6 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރޭގައި ހިމެނެނީ ބޭރުގެ ދަރަނީގެ ގޮތުގައިވާ 18.4 ބިލިއަން ރުފިޔާއާއި އެތެރޭގެ ދަރަނީގެ ގޮތުގައިވާ 1.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، ގެރެންޓީ ހިމަނައިގެން ބޭރުގެ ޖުމްލަ ދަރަނި 55.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެތެރޭގެ ޖުމްލަ ދަރަނި ވަނީ 101 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސޮވަރިން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި ތިންވަނަ ކުއާޓަރުގައި ވަނީ ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ބޭރުގެ މާލީ އިދާރާތަކަށް ދައްކަންޖެހޭ ދަރަނި އަނބުރާ އަދާކުރުމެވެ. އޭގެ ތެރޭގައި ޗައިނާ އެގްޒިމް ބޭންކާއި، ޗައިނާ ޑިވެލޮޕްމެންޓް ބޭންކާއި، އިންޑިއާ އެގްޒިމް ބޭންކް އަދި އައިސީބީސީ އަށް ދައްކަން އޮތް ދަރަނި އަދާކުރުން ހިމެނެއެވެ. ނަމަވެސް، މި މުއްދަތުގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އަށް އޮތް ގެރެންޓީ ދަރަނި ވަނީ އިތުރުވެފައެވެ.

ތިންވަނަ ކުއާޓަރުގެ ތެރޭގައި ދައުލަތުގެ ދަރަނި ޖުމްލަކޮށް އިތުރުވެފައިވީ ނަމަވެސް، އެ މުއްދަތުގައި ދަރަނި އަދާކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

https://wamco.com.mv/
tel:+9607331319