logo

ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަމަށް ފަރުހާދު އަދި ނަވީން

profile

އާމިނަތު ޝަފާ - 17 ފެބްރުއަރީ 2024 - 10:39

—

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއަށް މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެން ޓެކްނޮލޮޖީ ޢަލީ އިހުސާން އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެން ޓެކްނޮލޮޖީ ޢަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1991 ވަނަ އަހަރުގެ މާރިޗުމަހުގެ 30 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުގައި މި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވާފައިވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިންގ ހެޑްގެ މަގާމުގައެވެ.

ކުރީ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމުން އެކްޓިން ކޮމިޝަނަރަކަށް ހަމަޖެއްސެވީ ފަރުހާދެވެ.

ފަރުހާދަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން 2021 ވަނަ އަހަރުގެ އޯގަސްޓުމަހުގެ 10ވަނަ ދުވަހު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި ހަތް ބޭފުޅުން ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޕޮލިސް ބޯޑުން އެ ބޭފުޅުން ވަކިކުރަން ނިންމީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލި މައްސަލައިގެ ތެރެއިންނެވެ. ނަމަވެސް ފަރުހާދު ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފައެވެ.

ނިމިިދިޔަ ސަރުކާރުގައި ބަންޑާރަ ނައިބުގެ އޮފީހުން ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވާއިރު، މި މައްސަލާގައި ހައި ކޯޓުން އަދި ގޮތެއް ނުނިންމައެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1994 ވަނަ އަހަރުގެ ޖުލައިމަހުގެ 7 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 29 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވާފައިވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސަރވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައެވެ.

ކުރިން ޕޮލިސް ކޮމިޝަނަރަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނަވީން ވެސް ކުރިމަތި ލެއްވިއެވެ.ނަމަވެސް ޕޮލިސް ބޯޑުން ނަން ދިރާސާކުރިއިރު، ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅަން ޕޮލިސް ބޯޑުން ކުރިއްސުރެ އެކުލަވާލާފައިވާ ކްރައިޓީރިއާއަށް ނަވީންގެ ޝަރުތު ހަމަނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

https://wamco.com.mv/
tel:+9607331319