ވެރިކަންކުރާ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވި މިހާރުގެ ނައިބް ރައީސާ ކަމަލާ ހެރިސް ބަލިކުރައްވައި، އެމެރިކާގެ ރިޔާސީ އިންތިޚާބު، އިދިކޮޅު ރިޕަބްލިކަން ޕާޓީން ވާދަކުރެއްވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވަން ބޭނުންވަނީ އިލެކްޓޯރަލް ކޮލެޖް ވޯޓުގެ 270 ވޯޓު ކަށަވަރުކުރުން ކަމަށްވާއިރު، ސްޓޭޓްތަކުގެ ވޯޓުގެ ނަތީޖާއިން ޓްރަމްޕަށް މިހާތަނަށްވަނީ 279 އިލެކްޓޯރަލް ކޮލެޖް ވޯޓު ކަށަވަރުވެފައެވެ. ކަމަލާ ހެރިސްއަށް ލިބިވަޑައިގެންފައިވަނީ 223 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.
އެމެރިކާގެ ނިޒާމު އޮންނަގޮތުން، ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ކުރަނީ ސީދާ ރައްޔިތުންގެ ވޯޓަކުން ނޫނެވެ. ރައީސްކަމަށް ވަޑައިގަންނަވަނީ އެންމެ ގިނަ އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވާ ބޭފުޅެކެވެ.
ސްޓޭޓްތަކުގެ އާންމުން ލާ ވޯޓުގެ ނިސްބަތުން ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެއްވެނީ "އިލެކްޓަރސް" އެވެ. އާންމުންގެ ވޯޓަށްފަހު ޕާޓީތަކުން ފޮނުވާ "އިލެކްޓަރސް" ފަހުން ބައްދަލުކޮށް ރައީސް އިންތިޚާބުކުރެއެވެ. އަދި އޭގެފަހުން އެމެރިކާގެ ކޮންގްރެސްއިން އެ ކެންޑިޑޭޓަކު އެޕްރޫވެސް ކުރެއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އާންމުންލީ ވޯޓު ގުނުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، ޕޮޕިއުލަރ ވޯޓަށް ބަލާއިރު ޑޮނަލްޑް ޓްރަމްޕް މިހާރުވެސްވަނީ 51 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. ކަމަލާ ހެރިސްއަށް ލިބިވަޑައިގެންފައިވަނީ 47.5 އިންސައްތަ ވޯޓެވެ.
އުމުރުފުޅުން 78 އަހަރުގެ ޑޮނަލްޑް ޓްރަމްޕްވަނީ 2017-2021 އަށް އެމެރިކާގެ ރައީސްކަން ކުރައްވައިފައެވެ.
މެދަށް އެއް ދައުރު ދޫކުރެއްވުމަށްފަހު އަލުން ވެރިކަމަށް ވަޑައިގަތުމުން ޓްރަމްޕް ވެވަޑައި ގަންނަވާނީ އެމެރިކާގެ 47 ވަނަ ރައީސަށެވެ.
ކުރިން ވެރިކަން ކުރެއްވި ދައުރާ ޚިލާފަށް ޑޮނަލްޑް ޓްރަމްޕްގެ އައު ދައުރު ފެނިގެންދާނީ ވަރަށް ވަރުގަދަ ވެރިކަމެއްގެ ގޮތުގައި ކަމަށާއި، ވިޔަފާރީގެ ސިޔާސަތުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާއި، ޓެކްސްއާއި އިމިގްރޭޝަންގެ މައްސަލަތަކުގައި ހަރުކަށި ގޮތްތަކެއް ނިންމަވާނެކަމަށް ބެލެވިފައި ވެއެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ ޣައްޒާ ހަނގުރާމަ ހުއްޓުވާނޭ ކަމަށް ޓްރަމްޕް ވައުދުވެވަޑައި ގެންފައިވާއިރު، ޔޫކްރެއިނަށް އެމެރިކާއިން ހަތިޔާރު ދިނުން ޓްރަމްޕް ހުއްޓުވާނޭ ކަމުގެ ބިރުވެސް އުފެދިފައިވެއެވެ. ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން ޔޫރަޕް ބައިބައި ވެގެން ހިނގައިދާނެކަމުގެ ބިރުވެސް އުފެދިފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ކާމިޔާބީއާއެކު، ދުނިޔޭގެ ލީޑަރުން ޓްރަމްޕަށް މަރްހަބާ ވިދާޅުވަމުން އެބަ ގެންދަވައެވެ.