logo

ޣައްޒާ މުޖާހިދުންގެ ކުއްލި ވަރުގަދަ ހަމަލާއެއް، ދުޝްމަން ސިފައިންގެ 10 މީހުން މަރު، އެތައްބަޔަކު ޒަޚަމް

profile

ސައިފް އަޒުހަރު - 24 ނޮވެމްބަރު 2024 - 23:03

އެއްގަމުމަގުން ޣައްޒާއަށް އަރައިގެންއުޅޭ އިސްތިއުމާރީ އިސްރާއީލު ސިފައިންގެ ގްރޫޕަކަށް ހަމާސްއިން ދިން ކުއްލި ހަމަލާއެއްގައި އުދުވާނީ ސިފައިންގެ 10 މީހުން މަރާލެވިއްޖެ ކަމަށް ހަމާސްއިން ބުނެފިއެވެ.

ދުޝްމަން ސިފައިންނަށް މި ހަމަލާދިނީ ހަމާސްގެ އަސްކަރީ ފިޔަ، ޤައްސާމް ބްރިގޭޑުގެ މުޖާހިދުންނެވެ.

ރަފަޙް ސިޓީގައި އިސްރާއީލު ސިފައިންގެ ގްރޫޕެއް ރަފަހްގައި ދަތުރުކުރި އަސްކަރީ ވެހިކަލަކަށް ހަމަލާދީގެން ކަމަށް ޤައްސާމް ބްރިގޭޑުން ބުނެފައި ވެއެވެ.

ދުޝްމަން ސިފައިންގެ ވެހިކަލަށް ހަމަލާދިނީ ޔާސީންގެ ނަމުން ނަންދީފައިވާ ޒަމާނީ ރޮކްޓެއް ބޭނުންކޮށްގެން ކަމަށާއި، މި ހަމަލާގައި ވެހިކަލްގައި ތިބި 10 މީހުން މަރާލެވުނު ކަމަށް އަދި ދުޝްމަން ސިފައިންގެ އިތުރު ބަޔަކު ޒަޚަމްކޮށްލެވުނު ކަމަށްވެސް ޤައްސާމް ބްރިގޭޑުން ހާމަކޮށްފައި ވެއެވެ.

ހަމާސްގެ ވާހަކަތަކާ ގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ހަނގުރާމައިގައި އިސްރާއީލު އަސްކަރިއްޔާއަށް ލިބޭ ގެއްލުންތަކާއި، މަރުވާ ސިފައިންގެ އަދަދު އިސްރާއީލުން ގެންދަނީ ސިއްރު ކުރަމުންނެވެ. އަދި އެފަދަ މައުލޫމާތު ހާމަކުރުން އިސްރާއީލު މީޑިއާއަށްވެސް އޮންނަނީ މަނާކޮށް ހަރުކަށި ފިޔަވަޅު އަޅާފައެވެ.

އެކަމަކު، 2023 ވަނަ އަހަރުގެ އޮކްޓޫބަރުމަހުން ފެށިގެން މިހާތަނަށް، މުޖާހިދުންގެ ހަމަލާތަކުގައި އިސްތިއުމާރީ ދުޝްމަން ސިފައިންގެ 800 އަށްވުރެ ގިނަ މީހުން މަރާލާފައިވާކަން ކަށަވަރު ކުރެވިފައި ވެއެވެ.

މުޅި ޣައްޒާއަށް ބޮންއަޅައި ސުންނާފަތިކޮށް، ޣައްޒާގެ އުތުރު އެއްކޮށް ބަންދުކޮށް އާންމުން ބަނޑަށްމަރަމުންދާއިރުވެސް، ހަމާސްގެ މުޖާހިދުން ގެންދަނީ ފިލާތިބެ ކުއްލި ހަމަލާދީ ކޮންމެ ދުވަހަކު ދުޝްމަން ސިފައިންގެ އެތައް ބަޔަކު މަރަމުންނެވެ.

އަދި އެމީހުން ވެހިކަލްތަކަށްވެސް ހަމަލާދީ ގޮއްވައި، ބޮޑެތި ގެއްލުންތައް ދެމުން ގެންދެއެވެ.

ޣައްޒާގެ އުތުރުގައިވެސް މުޖާހިދުންގެ ހަމަލާތައް ނުހުއްޓޭއިރު، އިސްތިއުމާރީ އިސްރާއީލަށް ޣައްޒާގެ އުތުރަށް އަދިވެސް ވެރިވެގަނެވޭގޮތެއް އަދި ނުވެއެވެ.

https://wamco.com.mv/
tel:+9607331319