
ގަތަރުން ޓްރަމްޕަށް ލަގްޒަރީ ޖެޓެއް ހަދިޔާކުރާތީ އުފެދިގެން އުޅޭ ކަންބޮޑުވުންތަކަށް ގަތަރު ސަރުކާރުން ރައްދު ދީފި

ސައިފް އަޒުހަރު - 15 މޭ 2025 - 06:41
ގަތަރު ސަރުކާރުން އެމެރިކާއަށް ދޭން ހުށަހެޅި ލަގްޒަރީ ޖެޓުގެ މައްސަލާގައި އުފެދިގެން އުޅޭ ކަންބޮޑުވުންތަކަށް ގަތަރު ސަރުކާރުން ރައްދު ދީފިއެވެ.
ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްޘާނީ ވިދާޅުވީ، ގަތަރުން ދޭން ހުށަހެޅި ލަގްޒަރީ ޖެޓަކީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދޭ އަމިއްލަ ހަދިޔާއެއް ނޫން ކަމަށާއި، އެއީ "ސަރުކާރާއި ސަރުކާރާ ދެމެދު ކުރެވޭ މުއާމަލާތެއް" ކަމަށެވެ.
ގަތަރުން ހަދިޔާކުރާ ޖެޓުގެ މައްސަލަ އެމެރިކާގައި ހޫނު ބަހުސަކަށްވެގެންދިޔައީ، އެ ޖެޓު، "އެއަރފޯސް ވަން" ގެގޮތުގައި ބޭނުން ކުރެއްވުމަށް ގަސްތުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
"އެއަރފޯސް ވަން" އަކީ، އެމެރިކާގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ދަތުރުކުރައްވާ ޚާއްސަ އެއަރލައިނެވެ.
ޓްރަމްޕް އިޝާރާތް ކުރެއްވީ، ރައީސްކަމުގައި ކުރިއަށް ހުރި ދުވަސްތަކުގައި އޭނާ ބޭނުންކުރައްވާނީ ގަތަރުން ހަދިޔާކުރާ ޖެޓު ކަމަށެވެ.
ހަމަ އެއާއެކު، މަގާމުން ވަކިވުމަށްފަހުވެސް އެ ޖެޓު ބޭނުންކުރެއްވުމުގެ ފުރުސަތު އެބައޮތް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްޘާނީ ވިދާޅުވީ، ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއް އޭގައި ނުވާ ކަމަށެވެ.
ގަތަރު ސަރުކާރުން އެމެރިކާއަށް ޖެޓެއް ހަދިޔާކުރަން ނިންމުމުގައި، އެމެރިކާ ފަރާތުން އަދި ގަތަރުގެ ފަރާތުންވެސް އަމިއްލަކަމެއް އޭގައި ނުހިމެނޭ ކަމަށް ވިދާޅުވިއެވެ. އެއީ، ގަތަރާއި އެމެރިކާގެ ދިފާއީ ވުޒާރާތަކާ ދެމެދު ކުރެވޭ ރަސްމީ މުއާމަލާތެއް ކަމަށްވެސް ވިދާޅުވިއެވެ.
ގަތަރު ސަރުކާރުން އެމެރިކާގެ ރައީސް ޓްރަމްޕަށް ލަގްޒަރީ ޖެޓެއް ހަދިޔާކުރަނީ، ޓްރަމްޕްގެ މައްޗަށް ނުފޫޒު ފޯރުވަންކަމަށް ކުރެވޭ ތުހުމަތުތައްވެސް ގަތަރުގެ ބޮޑުވަޒީރު ދޮގުކުރެއްވިއެވެ.
ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްޘާނީ ވިދާޅުވީ، ޖެޓު ހަދިޔާކުރަން ނިންމީ، އެމެރިކާއަކީ ގަތަރުގެ ޒަމާންވީ ގާތް ބައިވެރިޔަކަށްވެފައި، ގާތް ބައިވެރިޔާއަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދައިދިނުމުގެގޮތުން ކަމަށެވެ.
އެމެރިކާގެ ރައީސަށް ޚާއްސަ "އެއަރފޯރސް ވަން" ގައި މިހާރު ބޭނުންކުރާ މަތިންދާ ބޯޓުތަކަކީ ދުވަސްވެ ބައުވެފައިވާ ބޯޓުތަކަށްވާތީ، އައު ދެ ބޯޓު ގަތުމަށް ބޮއިންގ ކުންފުންޏަށް ދީފައިވާ އޯޑަރު ލަސްވުމާއި، އަގުވެސް ބޮޑުވެގެން ޓްރަމްޕް ތަކުރާރުކޮށް ގެންދަވަނީ ޝަކުވާ ކުރައްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
3 އަހަރު ކުރިން

އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
3 އަހަރު ކުރިން

އެމެރިކާ އާއެކު ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ- ދެކުނު ކޮރެއާ
3 އަހަރު ކުރިން

އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި
2 އަހަރު ކުރިން