
ގަތަރު، ޔޫއޭއީއާއެކު ޓްރަމްޕް ހެއްދެވި ހަތިޔާރުގެ ބައެއް ޑީލްތައް އެމެރިކާގައި ހޫނު ބަހުސަކަށް

ސައިފް އަޒުހަރު - 16 މޭ 2025 - 11:55
އެމެރިކާއިން ގަތަރަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ހަތިޔާރު ވިއްކަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހެއްދެވި ބައެއް އެއްބަސްވުތަކާ ގުޅިގެން އެމެރިކާގައި ހޫނު ބަހުސްތަކެއް ފެށިއްޖެއެވެ.
މައްސަލަ ޖެހިގެން އުޅެނީ ގަތަރަށާއި، ޔޫއޭއީއަށް ހަތިޔާރު ވިއްކަން ހެދި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ، 3.5 ބިލިއަން އެމެރިކާ ޑޮލަރުގެ ޑީލްތަކުގައެވެ.
ސަބަބެއް ކަމަށް ބުނަނީ، އެ އެއްބަސްވުންތަކުގެ ސަބަބުން ޓްރަމްޕަށާއި، ޓްރަމްޕްގެ އާއިލާއަށް މާލީ މަންފާތަކެއް ލިބޭތީއެވެ.
މިކަމާހެދި، އެ އެއްބަސްވުންތައް ހުއްޓުވަން އެމެރިކާގެ ސެނޭޓްގެ ބައެއް މެމްބަރުން މިހާރުވަނީ މަސައްކަތް ފަށާފައެވެ.
އެގޮތުން، އެމެރިކާގެ ސެނޭޓަށް މިހާރުވަނީ ދެ ގަރާރެއް ހުށަހަޅާފައެވެ. އެއް ގަރާރު އައީ އިދިކޮޅު ޑިމޮކްރޭޓްސްގެ ފަރާތުންނެވެ.
ޑީލްތަކާ ދެކޮޅު މެމްބަރުން ވިދާޅުވަނީ، މިއީ، ރައީސް ޓްރަމްޕް ހިންގަވާ ޚާރިޖީ ސިޔާސަތުގެ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށެވެ.
މައްސަލަ ޖެހިގެންއުޅޭ ޑީލްތަކުގެ ތެރެއިން ޔޫއޭއީގެ ޑީލްގެ އަގު 1.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. ގަތަރު ޑީލްތަކުގެ އަގު 1.9 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ މި ޑީލްތައް އެޕްރޫވްވެސް ކޮށްފައެވެ.
ސެނޭޓްގެ ބައެއް މެމްބަރުންވަނީ، މިޑީލްތައް ހެއްދެވުމުގައި ރައީސް ޓްރަމްޕް "ރިޝްވަރު" ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
އެމެރިކާގެ ރައީސް ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، ގަތަރާއެކު ހެދި ހަތިޔާރުގެ އެއްބަސްވުމުގެ މުޅި ޖުމްލަ އަގު އެކަނިވެސް 42 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
ގަތަރަށާއި، ޔޫއޭއީއަށް އެމެރިކާއިން ވިއްކުމަށް އެއްބަސްވި ހަތިޔާރުގެ ތެރޭގައި، ބެލިސްޓިކް މިސައިލުން ދިފާއުވާ ނިޒާމާއި، ވައިގެތެރޭގައި ތެޔޮ އަޅާ ޚާއްސަ މަތިންދާ ބޯޓާއި، އެފް-16 ޖެޓުތަކާއި، ހެލިކޮޕްޓަރާއި، ފާރަލުމަށާއި ހަމަލާދިނުމަށް މީހުންނާ ނުލާ އުދުހޭ ޚާއްސަ ޑްރޯންފަދަ އެތައް ހަތިޔާރެއް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
2 އަހަރު ކުރިން

އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
2 އަހަރު ކުރިން

އެމެރިކާ އާއެކު ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ- ދެކުނު ކޮރެއާ
2 އަހަރު ކުރިން

އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި
2 އަހަރު ކުރިން