logo

މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލް އިން އިލްތިމާސްކޮށްފި

profile

ޝަހްޒާ މުޙައްމަދު - 28 ފެބްރުއަރީ 2026 - 14:15

މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުމާ ގުޅިގެން، އެ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

އެމްއޭސީއެލް އިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ، 28 ފެބުރުވަރީ 2026 އިން ފެށިގެން މެދުއިރުމަތީގެ ވައިގެ ސަރަހައްދަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ފްލައިޓްތަކުގެ ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން، އެއަރޕޯޓަށް ވަޑައިގަތުމުގެ ކުރިން ފަސިންޖަރުން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މިގޮތުން، ދަތުރުކުރާ އެއަރލައިންގެ ވެބްސައިޓު ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު ރޭވި ފަރާތްތަކުން އެ ފަރާތްތަކުގެ އިރުޝާދަށް ތަބާވުމަށް އެމްއޭސީއެލް އިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މި ދަނޑިވަޅުގައި ދުރާލާ ދަތުރުގެ ކަންކަން ރޭވުމަކީ މުހިންމު ކަމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮޕަރޭޓްކުރާ ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ލިބޭނީ fis.com.mv ވެބްސައިޓުންނެވެ. އެމްއޭސީއެލް އިން ވަނީ ފަސިންޖަރުންނަށް ދިމާވެދާނެ ދަތިތަކަށް ސަމާލުވެ، އެއަރލައިންތަކާ ގުޅައިގެން މައުލޫމާތު އޮޅުންފިލުވުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk