
ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން .
ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން - 12 މާރިޗު 2026 - 01:15
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އާއި ވާދަކޮށް ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެ ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގެ ލީގުބުރުގެ އަށްވަނަ ޓީމުގެ ގޮތުގައި މެންޗެސްޓާ ސިޓީ އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދިއިރު. ރެއާލް މެޑްރިޑުން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި ޕޯޗުގަލްގެ ބެންފީކާ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.
މެޑްރިޑްގެ ސެޓިއާގޯ ބޭރްނަބާއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި މި ތިން ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއޭ މިޑްފިލްޑަރު ފެޑަރީކޯ ވަލްވޭޑޭ އެވެ.
އެގޮތުން ރެއާލްގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ވަލްވޭޑޭ ކާމިޔާބުކުރީ ކީޕަރު ކޯޓުއާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އަދި އޭގެ ހަތް މިނެޓް ފަހުން ވިނީޝިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، ވަލްވޭޑޭ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައެވެ. މިއީ އެޓީމުގެ މޮރޮކޯ ފޯވާޑް ބްރަހީމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފު ވެސް ރެއާލް މެޑްރިޑުން ވަރުގަަދަކޮށް ފެށިއިރު، މެޗުގެ 58 ވަނަ މިނެޓުގައި ލީޑު އިތުރަށް ފުޅާކުރުމަށް ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ވިނީ ކުރިއަށް ފޮނުވާލި ޕެނަލްޓީ ސިޓީގެ ކީޕަރު ޑޮނަރޫމާ ވަނީ ދިފާއުކޮށްފައެވެ. އަދި މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު މެންޗެސްޓާ ސިޓީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޚަވިޗާގެ ދެލަނޑާއެކު ޗެލްސީ އަތުން ޗެމްޕިއަން ޕީއެސްޖީއަށް ފަސޭހަ މޮޅެއް
18 ގަޑިއިރު ކުރިން

ރަށުން ބޭރުގައި ބޯޑް ގްލިމްޓް އަތުން ބަލިވެ ސްޕޯޓިންއަށް ކުއާޓާގެ ފުރުސަތު ހަނިވެއްޖެ
19 ގަޑިއިރު ކުރިން

ލެވަކޫސަން އާއި އެއްވަރުވެ ޗެމްޕިއަންސް ލީގުގައި އާސެނަލް ދަމަހައްޓަމުންއައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އައިސްފި
19 ގަޑިއިރު ކުރިން

ފަސޭހަކަމާއެކު ޓޮޓެންހަމް ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި
2 ދުވަސް ކުރިން


.gif&w=3840&q=75)