
އެތްލެޓިކޯ މެޑްރިޑާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން...
ފަސޭހަކަމާއެކު ޓޮޓެންހަމް ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން - 11 މާރިޗު 2026 - 03:06
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޕްރެމިއާ ލީގުގެ ޓޮޓެންހަމް އާއި ވާދަކޮށް ފަސޭހަކަމާއެކު 5-2 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގެ ލީގުބުރުގެ ހަތަރުވަނަ ޓީމުގެ ގޮތުގައި ރައުންޑް އޮފް 16 ގެ ޖާގައެއް ޓޮޓެންހަމް އިން ހޯދިއިރު، އެތްލެޓިކޯ މެޑްރިޑް ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި 7-4 ގެ އެގްރިގޭޓް ނަތީޖާއަކުން ބެލްޖިއަމްގެ ކުލަބް ބުރޫޖް ބަލިކުރުމަށްފަހު އެވެ.
މެޑްރިޑްގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ 15 މިނެޓުތެރޭގައި އެތްލެޓިކޯ މެޑްރިޑުން ތިން ލަނޑުގެ ލީޑެއް ހޯދިއިރު، އޭގެ ތެރެއިން ދެލަނޑަކީ ޓޮޓެންހަމްގެ ޒުވާން ކީޕަރު އެންޓޮނިން ކިންގްސްކީއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެތްލެޓިކޯ އިން ކާމިޔާބުކުރި ދެލަނޑެވެ.
މިއާއެކު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ޓޮޓެންހަމް އިން އެޓީމުގެ ކީޕަރު ކިންގްސްކީ ބަދަލުކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރީޑް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޓޮޓެންހަމް އިން ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެތްލެޓިކޯ މެޑްރިޑްގެ ޖޫލިއަން އަލްވަރޭޒް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މާކޯސް ލޮރެންޓޭ، އެންޓޮއިން ގްރިޒްމަން އަދި ރޮބިން ލު ނޯމާންޑް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި ޓޮޓެންހަމްގެ ޕެޑްރޯ ޕޯރޯ އަދި ޑޮމިނިކް ސޮލާންކޭ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެތްލެޓިކޯ މެޑްރިޑްގެ ޖޫލިއަން އަލްވަރޭޒް އެވެ.
މީގެ އިތުރުން މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ޓޮޓެންހަމްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަށުން ބޭރުގައި ނިއުކާސަލް އަތުން ފަހުވަގުތު ބާސެލޯނާ ސަލާމަތްކޮށްދިނީ ޔަމާލް
17 ގަޑިއިރު ކުރިން

އޮލިސޭގެ ދެލަނޑާއެކު ރަށުން ބޭރުގައި އެޓަލާންޓާ އަތުން ބަޔާން މިޔުނިކަށް ފަސޭހަ މޮޅެއް
17 ގަޑިއިރު ކުރިން

އަމިއްލަ ދަނޑުގައި ގަލަތަސަރާއީ އިން ލިވަޕޫލް ބަލިކޮށްފި
ދުވަހެއް ކުރިން

ޕެރިސް އެފްސީ އަތުން ފަހުވަގުތު ލިއޯން ސަލާމްކޮށްދިނީ ޓޮލިސޯ
3 ދުވަސް ކުރިން


.gif&w=3840&q=75)