
ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީ އަދަދަށްވުރެ އިތުރަށް ލިބިއްޖެ

އާމިނަތު ޝަޒްލާ - 21 ޖޫން 2026 - 05:48
މި އަހަރުގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީގެ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މާލީ ވުޒާރާއިން ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފްސީލު ހިމަނައިގެން އާންމުކުރި "މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް" ގައިވާ ގޮތުން، މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 373.6 މިލިއަން ރުފިޔާއެވެ. ނަމަވެސް، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އަންދާޒާކުރި މިންވަރަށްވުރެ 5.3 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 128.7 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ބަޖެޓުގައި ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީ އަދި ހިލޭ އެހީ ހިމެނޭހެން ޖުމްލަ 40.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ފިސްކަލް ރިޕޯޓް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ދައުލަތަށް ޖުމްލަ 19 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ އިތުރުވުމެކެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާއިން ލިބޭ ޓީ.ޖީ.އެސް.ޓީ އިތުރުވުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން، އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިއަން ރުފިޔާއިން 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން މަޖިލީހަށް ހުށަހަޅައިފި
3 ގަޑިއިރު ކުރިން

ރަޖިސްޓްރީ ނުކޮށް ސަނަދުތަކެއް ދޫކުރުމުން އެވިޑް ކޮލެޖް ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ޔޫއޭއީން 786 ޓަނުގެ އިންސާނީ އެހީ ޣައްޒާ އަށް ފޮނުވައިފި
5 ގަޑިއިރު ކުރިން

ހުސްވި މަހު ކުޑަކުދިންނާއި ގުޅުންހުރި 81 މައްސަލަ ރިޕޯޓްކޮށްފައިވޭ: ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)