
އެމްއެންޔޫގެ މަލްޓި ޕާޕަސް ބިލްޑިންގެ ބިންގާ އަޅައިފި

އާމިނަތު ޝަޒްލާ - 11 ޖޫން 2026 - 07:13
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ މަލްޓި-ޕާޕަސް ބިލްޑިންގްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މި ޢިމާރާތުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ އާއި ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.
އެމްއެންޔޫއިން ހާމަކުރެއްވި ގޮތުގައި، މި މަލްޓި-ޕާޕަސް ބިލްޑިންގަކީ އިންސާނީ ވަސީލަތް ބިނާކުރުމަށާއި، ޢިލްމު ކުރިއެރުވުމުގެ އިތުރުން ޤައުމީ ތަރައްޤީއަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެކެވެ.
މި ޢިމާރާތް ފަރުމާކޮށްފައިވަނީ ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާނެ ޒަމާނީ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ގޮތަށެވެ. އެގޮތުން، ކެންޓީނާއި ރެސްޓޯރެންޓުގެ ޚިދުމަތުގެ އިތުރުން، ދަރިވަރުންގެ އިޖުތިމާޢީ ހަރަކާތްތަކަށް ޚާއްޞަ ޖާގަތަކާއި، މަލްޓި-ޕާޕަސް ހޯލާއި، ކްލާސްރޫމްތަކުގެ އިތުރުން ސެމިނާރ ރޫމްތަކާއި ޢަމަލީ ތަމްރީނުތަކަށް ބޭނުންވާ މަރުކަޒުތައް މި ބިލްޑިންގްގައި ހިމެނެއެވެ. މީގެއިތުރުން، 'ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް' އަށް ބޭނުންވާ ޚާއްޞަ ޖާގަތަކާއި، ޢިލްމީ ދިރާސާތައް ކުރުމަށް ބޭނުންވާ ޒަމާނީ ލެބޯޓްރީތަކާއި ފަހި މާޙައުލެއް މި ޢިމާރާތުގައި ޤާއިމުކުރެވޭނެއެވެ.
މި އިމާރާތުގެ ސަބަބުން، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ފެކަލްޓީތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން މަޢުލޫމާތުދެއެވެ. މި މަޝްރޫޢުގެ ދަށުން އިދާރީ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އޮފީސްތަކާއި، ޕާކިންގގެ ޚިދުމަތް ވެސް މި އިމާރާތުގައި ޤާއިމުކުރެވޭނެއެވެ.
މި އިމާރާތަކީ ދަރިވަރުންނާއި މުވައްޒަފުންގެ ބޭނުންތަކަށް ޚާއްޞަ އިސްކަމެއް ދީގެން ފަރުމާކުރެވިފައިވާ ތަނަކަށްވުމާއެކު، މީގެ ސަބަބުން އުނގަންނައިދިނުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާވެ، ލީޑަރޝިޕް ހުނަރުތަކާއި އިލްމީ ދިރާސާކުރުމުގެ ފުރުޞަތުތައް ފުޅާވެގެންދާނެ ކަމަށް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ. އަދި މިހާރު ކުރިއަށްދާ ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް، އައު ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި އަލަށް ބިނާކުރާ މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލްގެ މަސައްކަތް ނިމެންދެން، ސްކޫލް އޮފް މެޑިސިންގެ ކިޔެވުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް މި އިމާރާތުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދޫގައި އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕެއް ފަށައިފި
43 މިނިޓު ކުރިން

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 17 ޕަސެންޓަށް ދަށަށް ހިނގައްޖެ
ގަޑިއިރެއް ކުރިން

ނަސަންދުރަ ސަރަހައްދުގަ އޮންނަ ޖެޓީއަށް ފެރީތައް ކައިރިކުރުމަށް ހުއްދައެއް!
ގަޑިއިރެއް ކުރިން

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، އެސްޖީން މަގާމުން ވަކިކޮށްފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)