logo

ތިނަދޫގައި އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕެއް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 11 ޖޫން 2026 - 07:58

ތިނަދޫ ސިޓީގެ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ސާޖަރީއަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމަކާއެކު މެޑިކަލް ކޭމްޕެއް ފަށައިފިއެވެ.

https://wamco.com.mv/

މި ކޭމްޕަކީ މިނިސްޓްރީ އޮފް ހެލްތާއި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގައި ތަފާތު ބަލިތަކަށް ހާއްސަ 10 މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ތިނަދޫގައި ކުރިއަށްދާ މި ކޭމްޕުގައި ބަލިމީހުން ބެލުމުގެ އިތުރުން ،ސިއްހީ ދާއިރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި ކޭމްޕުގެ ދަށުން ފޯރުކޮށްދޭ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި

އޯ.ޕީ.ޑީ މެދުވެރިކޮށް ބަލިމީހުން ބަލައި ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުން.

ދިގު މުއްދަތަކަށް ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުން.

ލެޕްރޮސްކޮޕިކް (ލޯވަޅު ތޮރުފައިގެން ކުރާ) ސާޖަރީތަކާއި، އާންމު އޮޕަރޭޝަންތައް ކުރުން.

ދިގުލައިގޮސްފައިވާ ނުވަތަ ފަސޭހަނުވާ ތަދުތަކަށް ހާއްސަ ފަރުވާ ދިނުން.

ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ފަންނީ ތަމްރީނާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުން.

ހޮސްޕިޓަލުން މިހާރު ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ވަޒަންކޮށް، އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާ ގުޅޭ ދިރާސީ ރިޕޯޓެއް އެކުލަވައިލުން.

ތިނަދޫގައި ކުރިއަށްދާ މި ކޭމްޕުގައި ތަފާތު ދާއިރާތަކުގެ ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ހިދުމަތް ދެއްވާނެއެވެ.

މީގެތެރޭގައި އާންމު އަދި ލެޕްރޮސްކޯޕިކް ސާޖަރީ، ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް ސާޖަރީ، އެޑްވާންސް ވޫންޑް ކެއާ، އަދި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ހިމެނެއެވެ.

މީގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ގޮހޮރު އަދި ބެރިއޭޓްރިކް ސާޖަރީ، ކެންސަރުގެ އޮޕަރޭޝަންތަކާއި، ނާރުގެ އޮޕަރޭޝަންތަކުގެ އިތުރުން ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކަށް ފަރުވާ ދެއްވާ ހާއްސަ ޑޮކްޓަރުންވެސް މި ކޭމްޕުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޭމްޕުގެ ތެރެއިން ފަރުވާ ހޯދުމަށް އެދޭ ފަރާތްތަކުން 1555 އަށް ގުޅުއްވައިގެން އެޕޮއިންޓްމަންޓް ހެއްދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އައިޖީއެމްއެޗުން ހާމަކުރި ގޮތުގައި މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް، އެ މީހުން ދިރިއުޅޭ ރަށުގައި ތިބެގެން ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން ހާއްސަ ބަލިތަކަށް ދެވޭ ފަރުވާގެ ފުރުސަތުތައް ފުޅާވެ، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ބާރުއެޅިގެންދާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk