
ރައްޔިތުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް މިސަރުކާރުން ހައްލުކުރާނެ: ހެލްތު މިނިސްޓަރ ގީލާ އަލީ

މުޙައްމަދު ފަޟްލޫން - 28 އޭޕްރީލު 2026 - 14:58
ބަލިމީހުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ސަރުކާރުގެ ބޭސް ކުންފުނި މެދުވެރިކޮށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އިސް އިސްތިރާތީޖީ އަމާޒެއް ކަމަށް ސިއްޙަތާއި އާޢިލާއާއި އިޖުތިމާޢީ އެހީތެރިކަމާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އެތެރެކުރާ ބޭހުގެ އެންމެ 30 އިންސައްތަ އެސްޓީއޯއިން ހިއްސާކުރާއިރު، ބާކީ 70 އިންސައްތަ ބޭސް އެތެރެކުރަމުންދަނީ އަމިއްލަ ކުންފުނިތަކުންނެވެ. ރާއްޖެއަކީ ބޭސް ބޭނުންވާ މިންވަރު ނިސްބަތުން މަދު ޤައުމަކަށް ވުމާއެކު، ގިނަ އަދަދެއްގެ އަމިއްލަ ވިޔަފާރިތަކުން އެއް ބާވަތެއްގެ ބޭސްތަކެއް އެތެރެކުރުމަކީ ދެމެހެއްޓެނިވި ނިޒާމެއް ނޫންކަން ވަޒީރު ބަޔާންކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ބޭނުންވާ މިންވަރަށް ބޭސް ލިބޭނެކަން ކަށަވަރުކުރެވޭނީ ވަކި ނިޒާމެއްގެ ތެރެއިން އެކަން ތަރުތީބުކޮށްގެން ކަމަށެވެ. މިކަމަށް އޮތް ހައްލެއްގެ ގޮތުން، އަވަށްޓެރި ޤައުމުތަކާ ގުޅިގެން ސްޓޭޓް ފާމާ ކުންފުނި މެދުވެރިކޮށް މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބޭހުގެ އަގުތައް ކޮންޓްރޯލް ކުރުމަށާއި، ނުހައްގު ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި، އާސަންދައިގެ އެހީގައި 'މެކްސިމަމް ރީޓެއިލް ޕްރައިސް' (އެމް.އާރް.ޕީ) ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. ސަރުކާރުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ބޭސް ކުންފުނީގެ ޤާބިލުކަން އިތުރުކޮށް، އަތޮޅުތެރޭގައި ހުންނަ އެސްޓީއޯ ފާމަސީތައް މެދުވެރިކޮށް މިހާރަށްވުރެ ލުއިފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.
ސިއްޙީ ނިޒާމުގެ ތެރެއިން އާންމު ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރާ ޝަކުވާއަކީ ބޭސް ލިބުމުގައި ހުރި ދަތިތަކާއި ބޭހުގެ އަގު ބޮޑުވުމުގެ މައްސަލަކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.






.gif&w=3840&q=75)