
ނޫސް ރަޖިސްޓްރީ ކުރުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު އާއްމުކޮށްފި

މުޙައްމަދު ފަޟްލޫން - 28 އޭޕްރީލު 2026 - 15:39
ނޫސްމަޖައްލާތައް ރަޖިސްޓްރީކުރުމާއި، މީޑިއާގެ ދާއިރާއިން ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމާ ބެހޭ އާ އުސޫލުތައް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.
މީޑިއާ ކޮމިޝަންގެ ގާނޫނުގެ ދަށުން އެކުލަވައިލި މި ކޮމިޝަނުން މިއަދު ވަނީ މީޑިއާއާ ގުޅުންހުރި ތިން ގަވާއިދެއް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އެއަށް އަމަލުކުރަން ފަށާފައެވެ.
މިއީ މީގެކުރިން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަހައްޓަމުން ދިޔަ އުސޫލުތަކަށް ބިނާކޮށް އެކުލަވައިލާފައިވާ ގަވާއިދުތަކެކެވެ.
އަލަށް އަމަލުކުރަން ފެށި ގަވާއިދުތަކަކީ:
އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ ގަވާއިދު.
ނޫސްމަޖައްލާ ރަޖިސްޓްރީކުރުމާ ބެހޭ ގަވާއިދު.
މީޑިއާ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާ ބެހޭ ގަވާއިދު.
މި ގަވާއިދުތަކުގައި ހިމެނެނީ މީގެކުރިންވެސް އަމަލުކުރަމުންދިޔަ މައިގަނޑު އުސޫލުތަކާއި، މީޑިއާ ކޮމިޝަންގެ ގާނޫނުން ލާޒިމުކުރާ ކަންކަމެވެ.
ޝަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދުގައިވާ ގޮތުން، މީޑިއާއަކުން އާންމުކުރި ކޮންޓެންޓަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ، އެ ކޮންޓެންޓެއް ޝާއިއުކުރިތާ 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އަދި ހުށަހެޅޭ ޝަކުވާތަކާމެދު 30 ދުވަހުގެ ތެރޭގައި ކޮމިޝަނުން ގޮތެއް ނިންމަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ސުލޫކީ މިންގަނޑުތަކާ ނުވަތަ ލައިސަންސްގެ ޝަރުތުތަކާ ހިލާފުވާ ބްރޯޑްކާސްޓަރުން 50،000 ރުފިޔާއާއި 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ނޫސްމަޖައްލާތަކުން މިފަދަ އުސޫލަކާ ހިލާފުވެއްޖެނަމަ، 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް މި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.
މި ގަވާއިދުގެ ދަށުން، ކޮމިޝަނުން އަންގާ އިސްލާހުތައް ގެނައުމަށް އެންގުމާއި، އާންމުކޮށް މައާފަށް އެދުމަށް އެންގުމުގެ އިތުރުން، މީޑިއާތަކުގެ ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމުގެ ގާނޫނީ ބާރުވެސް އެ ކޮމިޝަނަށް ލިބިދީފައިވެއެވެ.
ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މީޑިއާ ކޮމިޝަން ގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި ގާނޫނުގެ ދަށުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އީޝާގެ ޕާސްޕޯޓް ހިފަހައްޓައިފި
2 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
2 ގަޑިއިރު ކުރިން

ރައްޔިތުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް މިސަރުކާރުން ހައްލުކުރާނެ: ހެލްތު މިނިސްޓަރ ގީލާ އަލީ
3 ގަޑިއިރު ކުރިން

ރައީސް ޑރ މުއިއްޒު އަންނަ މަހު 3 ވަނަ ދުވަހު ސްރީލަންކާއަށް ވަަޑައިގަންނަވަނީ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)