logo

ދެމެހެއްޓެނިވި ތަރައްގީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ހާސިލުކުރެވޭނެ އެއްޗެއް ނޫން: މެޑަމް ސާޖިދާ

profile

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 18:26

ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ހާސިލުކުރެވޭނެ އެއްޗެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކަމަނާ މިކަމަށް ގޮވާލެއްވީ، 13 ވަނަ "މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ" ގެ ބައެއްގެ ގޮތުގައި ބޭއްވުނު 8 ވަނަ "މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް" (އެމް.އެފް.އެފް.އެލް.އައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮންލައިންކޮށް ކުރިއަށްދިޔަ މި ސަމިޓުގައި އެފްރިކާ އަދި އޭޝިއާގެ ޤައުމުތަކުގެ ފަސްޓް ލޭޑީންނާއެކު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، އެކަމަނާ ވަނީ ސިއްހީ އަދި އިޖުތިމާޢީ ހަމަހަމަކަން ގާއިމުކުރުމަށް ބާރުއަޅުއްވާފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޖިއޮގްރަފީ ގޮތުން ކިތަންމެ އެކަހެރި ސަރަޙައްދެއްގައި ދިރިއުޅުނު ނަމަވެސް، ކޮންމެ މީހަކަށްމެ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބެންޖެހޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަކިން ހާއްސަކޮށް، އެކަހެރި ރަށްރަށުގައި އުފަންވާ ކުދިންނަށްވެސް، ވެރިރަށުގައި އުފަންވާ ކުދިންނާ އެއްފަދައިން، އުޖާލާ އަދި ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމުގެ ހަމަހަމަ ފުރުސަތުތައް ފަހިކޮށްދޭންޖެހޭނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އޯގާތެރިކަމާއެކު މުޢާމަލާތްކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެކަމަނާ ގޮވައިލެއްވިއެވެ.

މީގެއިތުރުން، މެރކް ފައުންޑޭޝަނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމުގެ ސަބަބުން ހާސިލުކުރެވިފައިވާ ކާމިޔާބީތަކަށް މެޑަމް ސާޖިދާ އަލިއަޅުއްވައިލެއްވިއެެވެ.

ފާޓިލިޓީ އެންޑް އެމްބްރިއޮލޮޖީ، އެންޑޯކްރިނޮލޮޖީ، ކްރިޓިކަލް ކެއާ އަދި ޕީޑިއޭޓްރިކްސް ފަދަ ޚާއްޞަ ދާއިރާތަކުން ފޯރުކޮށްދީފައިވާ 13 ސްކޮލަޝިޕާއި، ފަންނުވެރިކަމުގެ ދާއިރާތަކުން ދީފައިވާ 8 އެވޯޑްގެ އިތުރުން 'އެޑިއުކޭޓިންގް ލިންޑާ' މަޝްރޫޢުގެ ދަށުން ހަދިޔާކުރި 3000 ސްކޫލް ކިޓްގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކެއް ނޫން ކަމަށެވެ.

ކޮންމެ ރައްޔިތަކަށްމެ އަބުރުވެރި ދިރިއުޅުމަކާއި، އުންމީދީ މުސްތަޤުބަލެއްގެ އިތުރުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ކަށަވަރުކޮށްދިނުމަށްޓަކައި، އިތުބާރާއި އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ބައިވެރިވުންތަކެއް ބޭނުންވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފައުންޑޭޝަންގެ 'މޯ ދޭން އަ މަދަރ' ކެމްޕޭނުގެ ސަފީރުގެ ހައިސިއްޔަތުން، ދަރިމައިނުވުމުގެ ސަބަބުން އަންހެނުންނަށް މުޖުތަމަޢުން ކުރިމަތިވާ ގޮންޖެހުންތަކާއި ނޭދެވޭ ތަފާތުކުރުންތައް ނައްތައިލުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ ބާރުއެޅުއްވިއެވެ. އަދި އެފަދަ ތަފާތުކުރުންތަކަކީ އެ ބަލީގެ ތަހައްމަލުކުރަންޖެހޭ ވޭނަށްވުރެ ބޮޑު ތަކުލީފަކަށް ވެދާނެކަން ފާހަގަކުރައްވައި، މީހުންނާ މެދު ނިންމުންތައް ނިންމުމުގެ ބަދަލުގައި، ކޮންމެ ފަރުދަކަށްމެ އިޙްތިރާމާއި އަޅާލުން އިސްކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk