
ޔޫއޭއީ ގައި 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން މަނާކޮށްފި

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 15:38
ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީ ގައި 15 އަހަރުން ދަށުގެ ކުޑަކުދިން މީސްމީޑިއާ ބޭނުންކުރުން މަނާކުރުމަށް އެ ގައުމުގެ ކެބިނެޓުން ނިންމަވައި، އެކަމާ ގުޅޭ ގަރާރެއް ފާސްކުރައްވައިފިއެވެ.
މި ގަރާރުގެ ދަށުން، މީސްމީޑިއާގެ މަންސަތަކަށް ވަދެވޭނެ އެންމެ ދަށް އުމުރަކީ 15 އަހަރު ކަމުގައި ވަނީ ކަނޑައަޅާފައެވެ.
މި އާ މިންގަނޑުތަކަށް އަމަލުކުރުމަށްޓަކައި، މީސްމީޑިއާ ކުންފުނިތަކަށް 12 މަސްދުވަހުގެ އިންތިގާލީ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
ގަރާރުގައިވާ ގޮތުން، 15 އަހަރުން ދަށުގެ ކުދިންނަށް އަމިއްލަ އެކައުންޓް ހުޅުވުމާއި، އެފަދަ މަންސަތަކުގެ އެއްވެސް ފީޗާއެއް ބޭނުންކުރުން މުޅިން މަނާވާނެއެވެ.
މީގެ އިތުރުން، 15 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން މީސްމީޑިއާ ބޭނުންކުރަންވާނީ ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައެވެ.
މީގެ ތެރޭގައި އުމުރާ ގުޅޭ ކޮންޓެންޓް ވަކިކުރުމާއި، މުާމަލާތްތައް ކުރެވޭނެ މިންވަރު ހަނިކުރުމާއި، ބޭނުންކުރާ ވަގުތު ކަނޑައެޅުމުގެ އިތުރުން، ބެލެނިވެރިންގެ ފުރިހަމަ ބެލުމުގެ ދަށުން މަންސަތައް ބޭނުންކުރުން ހިމެނެއެވެ.
މި ގަރާރު ތަންފީޒުކުރުމުގެ ގޮތުން، ބޭނުންކުރާ ފަރާތްތަކުގެ އުމުރު ކަށަވަރުކުރެވޭނެ އިތުބާރު ހުރި ނިޒާމުތައް ގާއިމުކުރުމަށް މީސްމީޑިއާ ކުންފުނިތަކަށް ވަނީ މަޖުބޫރުކޮށްފައެވެ.
ގަވާއިދާ ހިލާފަށް ހިންގާ އެކައުންޓްތައް ދެނެގަނެ، އެފަދަ އެކައުންޓްތަކާ މެދު އަވަސް ފިޔަވަޅު އެޅުމަށް ވެސް ވަނީ އަންގާފައެވެ.
ފާހަގަކޮށްލެވޭ މުހިންމު ކަމަކީ، މި ގަރާރުގައި މަނާކޮށްފައިވާ ކަންކަމުގައި ބެލެނިވެރިންގެ ރުހުން އޮތް ނަމަވެސް، އެއީ އެކަންކަމަށް އޮތް އިސްތިސްނާއެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމެވެ.
މީގެ އިތުރުން، އިޝްތިހާރު ކުރުމާއި ވިޔަފާރީގެ މަގުސަދުތަކަށްޓަކައި ކުޑަކުދިންގެ އޮންލައިން ހަރަކާތްތައް މޮނިޓަރކޮށް، އެކުދިންގެ ޒާތީ މައުލޫމާތު އެއްކުރުމާއި ބޭނުންކުރުމުގެ ފުރުސަތު ކުންފުނިތަކަށް މިހާރު ވަނީ ބަންދުކުރެވިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެ ފޭސް 2 ގައި ހުރި ފްލެޓްތަކުގެ ކައިރީގައި ކޮމާޝަލް އޮފީސް އިމާރާތެއް އަޅަނީ
3 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގެ ފޭސް 1 ގެ ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
3 ގަޑިއިރު ކުރިން

ނާޒުކު ގައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: ނައިބު ރައީސް
7 ގަޑިއިރު ކުރިން

ރަޝިޔާގައި ރާއްޖެ އިޝްތިހާރު ކޮށްފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)