
މި މަސް ނިމުމުގެ ކުރިން ބީއެމްއެލްގެ ކާޑުތަކުގެ ލިމިޓަށް ލުޔެއް ދެނީ

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 18:22
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓަށް މި މަސް ނިމުމުގެ ކުރިން ހެޔޮ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ލުއިތަކެއް ދޭނެކަން އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި، ބޭރުގެ އީ ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ލުޔެއް ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިންތިޒާމުތައް އެ ބޭންކުން ދަނީ ހަމަޖައްސަމުންނެވެ.
މި ބަދަލާއެކު، ބޭސްފަރުވާއާއި ތަޢުލީމީ ބޭނުންތަކަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް ބޭންކުގެ ފަރާތުން އިތުރު އެހީތެރިކަމާއި ފަސޭހަތައް ލިބިގެންދާނެއެވެ.
ބޭންކުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ބޭންކަށް ލިބޭ ޑޮލަރުގެ ނިސްބަތަށްވުރެ ޑޮލަރަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން މުއާމަލާތްތައް ކުރުމުގައި ހިފެހެއްޓުންތަކެއް ގެންގުޅެމުންދާ ދަނޑިވަޅެއްގައެވެ.
މިހާރު ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެއެވެ.
މީގެ އިތުރުން، އެއަރލައިން ޓިކެޓް، ހޮޓެލް ބުކިންގް އަދި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާއަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެއެވެ. ބޭންކުން ފާހަގަކުރި ގޮތުގައި، މި ލިމިޓްތައް ބޮޑުކުރި ފަހުން މިހާތަނަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރު ފައިސާ ދޫކުރާ މިންވަރު ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވާކަން އެ ބޭންކުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެގޮތުން، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ޖުމްލަ 345 މިލިއަން އެމެރިކާ ޑޮލަރު ބޭންކުން ވިއްކާފައިވާއިރު، މީގެ ތެރެއިން 198 މިލިއަން ޑޮލަރަކީ ކާޑު މުއާމަލާތްތަކަށް ދޫކުރި ފައިސާއެވެ. އަދި ވިޔަފާރިތަކުގެ ބޭނުންތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް ބޭންކުން ބުނެއެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ބޭންކުން ވަނީ ދޫކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މީގެއިތުރުން، ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ހޭދަކުރާ ބޭރު ފައިސާގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެވްރެޖްކޮށް ކޮންމެ މަހަކު ބޭރުގެ މުއާމަލާތްތަކަށް ހޭދަވާ ޑޮލަރުގެ މިންވަރު ހުރީ އަންނަނިވި ގޮތަށެވެ:
2021 ވަނަ އަހަރު: 15.3 މިލިއަން ޑޮލަރު
2022 ވަނަ އަހަރު: 20.3 މިލިއަން ޑޮލަރު
2023 ވަނަ އަހަރު: 25.4 މިލިއަން ޑޮލަރު
2024 ވަނަ އަހަރު: 32.4 މިލިއަން ޑޮލަރު
މި އަދަދުތައް ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، ބޭރުގެ މުއާމަލާތްތަކަށް ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ އަދަދުވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
މިދިޔަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 279,980 ކަސްޓަމަރުން ކާޑު ބޭނުންކޮށްފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 303,000 އަށްވުރެ މައްޗަށް ގޮސްފައެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއެކު ދަނީ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރުވެސް އެންމެ ތަނަވަސް ލިމިޓެއް ދެމުންދަނީ ގަ ބީއެމްއެލް އިންނެވެ.
ގުޅުން ހުރި ޙަބަރުތައް

ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ހާސިލުކުރެވޭނެ އެއްޗެއް ނޫން: މެޑަމް ސާޖިދާ
ގަޑިއިރެއް ކުރިން

ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އެއްޗެހިތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
ގަޑިއިރެއް ކުރިން

ޔޫއޭއީ ގައި 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން މަނާކޮށްފި
4 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 2 ގައި ހުރި ފްލެޓްތަކުގެ ކައިރީގައި ކޮމާޝަލް އޮފީސް އިމާރާތެއް އަޅަނީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)