
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ރަސްމީ ލޯގޯ އިފްތިތާހުކޮށްފި

އާމިނަތު ޝަޒްލާ - 25 ޖުލައި 2026 - 12:12
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރަސްމީ ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ލޯގޯ އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިއަށްދިޔައީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ 4 އިން 17 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ލޯގޯއިން ފެނިގެންދަނީ އެ ގައުމުގެ މުއްސަނދި ސަގާފީ ސިފަތަކެވެ. ސާފް އިން ހާމަކުރި ގޮތުގައި، ލޯގޯ ފަރުމާކޮށްފައިވަނީ ބަންގްލަދޭޝްގެ އަންހެނުންގެ ސަގާފީ ފޮއްޗެއް ކަމަށްވާ "ޖަމްދާނީ" ގެ ކުރެހުންތަކާއި ސިފަތައް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ތަފާތު ތަކެއްޗާއި ތަންތަނުގެ ނިޝާންތައް ވެސް މި ލޯގޯގައި ހިމެނެއެވެ.
މި ރަސްމިއްޔާތުގައި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ "ޓެކްނޯ ސްޕޯޓްސް" ކަން ވެސް ވަނީ އިއުލާނުކޮށްފައެވެ. އެހެންކަމުން، މި ފަހަރުގެ މުބާރާތުގެ ރަސްމީ ނަމަކަށް ބޭނުންކުރާނީ "ޓެކްނޯ ސްޕޯޓްސް ސާފް ޗެމްޕިއަންޝިޕް 2026" އެވެ.
ބަންގްލަދޭޝްގައި އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތަކީ ދިވެހިރާއްޖެއަށް ތާރީޚީ އަހަރެކެވެ. ސަބަބަކީ ބަންގްލަދޭޝްގައި ބޭއްވި އެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް، ދެވަނަ ފަހަރަށް ރާއްޖެއިން މުބާރާތުގެ ތަށި އުފުލާލުމެވެ.
ރާއްޖެއަކީ ވެސް މި މުބާރާތް ދެ ފަހަރެއްގެ މަތިން ބޭއްވި ގައުމެކެވެ. އެގޮތުން 2008 ވަނަ އަހަރު ސްރީލަންކާއާ ގުޅިގެން ރާއްޖެއިން މުބާރާތް ބޭއްވިއިރު، 2021 ވަނަ އަހަރުގެ މުބާރާތް ރާއްޖެއިން ހޯސްޓުކުރީ އެކަންޏެވެ.
ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފައިވަނީ 2023 ވަނަ އަހަރު އިންޑިއާގައެވެ. އެ މުބާރާތުގައި މި ސަރަހައްދުގެ ގައުމުތަކުގެ އިތުރުން ކުވެއިތާއި ލުބުނާނުން ވެސް ވާދަކުރިއެވެ. ނަމަވެސް ފީފާގެ ސަސްޕެންޝަނެއްގެ ސަބަބުން އެ ފަހަރު ސްރީލަންކާއަށް ބައިވެރިއެއް ނުވެވުނެވެ. އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާއިންނެވެ. އިންޑިއާއަކީ މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް އެންމެ ކާމިޔާބު ގައުމެވެ.
ގުޅުން ހުރި ޙަބަރުތައް

ނޯވޭ ބަލިކޮށް އިންގްލެންޑް ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
13 ދުވަސް ކުރިން
ކުޅިވަރުގެ ހުރިހައި ދާއިރާތަކެއް ގުޅުވާލުމަށް "ސްޕޯޓް ގޭޓް" އިފްތިތާހުކޮށްފި
4 މަސް ކުރިން

ހޭންޑް ބޯޅައިގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފާތިމަތު ޖުނާ
5 މަސް ކުރިން

ފުޓްސަލް ޓީމަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރަން: ރައީސް
6 މަސް ކުރިން


.gif&w=3840&q=75)