
އަދަދު ނޫހުން ފެތުރީ ދޮގު ހަބަރެއް، ބޭންކުން ދެމުންދިޔަ ޑޮލަރު ސަޕޯޓް ހުއްޓައެއް ނުލަން: ބީއެމްއެލް

މުޙައްމަދު ފަޟްލޫން - 20 އޭޕްރީލު 2026 - 09:21
ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ކުއްލިއަކަށް ހުއްޓާލައިފިކަމަށް ބުނެ އަދަދު ނޫހުން ޝާއިއުކޮށްފައިވަނީ ހަގީގަތާ ހިލާފު ދޮގު ޚަބަރެއް ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
އަދަދު ނޫހުން ޝާއިޢު ކުރި އާޓިކަލް އާއި ބެހޭ ގޮތުން ބީއެމްއެމް އިން ބުނީ ކުރިންވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މިދަނީ މެދުނުކެނޑި ޑޮލަރު ވިއްކަމުންނެވެ.
މިގޮތުން މިމަހުގެތެރޭގައިވެސް ޓީޓީ އަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށްވެސް އެކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު ޢަދަދަކަށް ވާނީ ޑޮލަރު ވިއްކާފައެވެ. މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދެވިފައެއްނެތެވެ. އެހެންނަމަވެސް އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ ޢަދަދު ބޭންކުން ނުދެވުން އެކަށީގެންވެއެވެ.
މެދު އިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާ އަށްވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ ޢަދަދު މިދުވަސްކޮޅު އިތުރުވެފައި ވީނަމަވެސް، ބޭންކުން މިއަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މި ހައްސާސް މުއްދަތުގައިވެސް ބޭންކުން މިއަންނަނީ މެދު ނުކެނޑި ކާބޯތަކެއްޗާއި، އެކިއެކި ބޭނުންތަކަށް ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް ވިޔަފާރިތަކަށް ކުރިއަށްވުރެ އިތުރަށް ޑޮލަރު ފޯރުކޮށްދެމުންނެވެ. މިގޮތުން ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ. އަދި މިބޭނުމަށް މިދިޔައަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު މިއީ %142 އިތުރު ޢަދަދެކެވެ.
މިއަހަރުގެ މިހާތަނަށް 38،855 ޓިޓީ އަށް ބޭރުފައިސާ ފޯރުކޮށްދީފައިވާއިރު، މި ހިނގާ އެޕްރީލް މަހު އެކަނިވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރުފައިސާގެ އެހީ ފޯރުކޮށްދީފައިވާނެއެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީ އަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވެއެވެ.
ބޭންކުގެ ކަސްޓަމަރުންނާއި ބޭހޭ އަދި ބޭންކުން ހިންގާ ފައިސާގެ މުޢާމަލާތްތަކުގެ ޞައްޙަ މަޢުލޫމާތު ތަކަކީ ހަމައެކަނި ބޭނަކަށް ދެވޭނެ މަޢުލޫމާތުތަކެކެވެ. އެހެންކަމުން މިފަދަ މުހިންމު ކަމަކާއި ގުޅޭގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އަދި މުޅި މުޖުތަމަޢުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޒިންމާދާރުކަމެއްނެތި މިފަދަ މަޢުލޫމާތު ފެތުރުމަކީ ބޭންކުން އެކަމާއމެދު ވަރަށް ހިތާމަކުރާކަމެކެވެ. އަދި މިއީ ޢަދަދު ނޫހުން އާންމުގޮތެއްގައި ބޭންކަށް އޮންނަ އިތުބާރު ކުޑަކުރުމަށްޓަކައި ފަތުރާ ސިލްސިލާ ދޮގުވާހަކަތަކުގެ ތެރެއިން ބައެކެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި ރެގިއުލޭޓްކުރާ ބިލެއް މަޖިލިހަށް ހުށަހަޅުއްވާނެ ކަަމަށް ރައީސް ވިދާޅުވެއްޖެ
2 ގަޑިއިރު ކުރިން

ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް އެދޭކަމެއް ނޫން: ރައީސް
2 ގަޑިއިރު ކުރިން

ޑީޖޭއޭ ބަދަލުވެގެންދާނީ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީ ވާ ތަނަކަށް: ރައީސް
2 ގަޑިއިރު ކުރިން

އާ ކެބިނެޓަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)