
އާ ކެބިނެޓަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

މުޙައްމަދު ފަޟްލޫން - 20 އޭޕްރީލު 2026 - 09:20
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލިހަށް ގެންނެވި ބަދަލުތަކާއެކު މަގާމުގެ ހުވައިކުރެއްވި 14 ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު ވަނީ އިއްވަވައިފައެވެ. ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފައެވެ.
ވަޒީރުންގެ މަޖިލީހަށް މި ބަދަލުތައް ގެންނަވާފައިވަނީ ކެބިނެޓުގެ 10 ވަޒީރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، އެ ބޭފުޅުން މަގާމުން އެކަހެރިވެވަޑައިގަތީ ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ސަރުކާރުގެ ތެރެއަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަގުފަހިކޮށްދެއްވުމުގެ ބޭނުމުގައެވެ.
މި އިސްލާހީ ބަދަލުތަކުގެ ދަށުން ބައެއް ވުޒާރާތައް އެއްކޮށްލައްވައި، އަދި ބައެއް ވުޒާރާތައް އުވާލެއްވުމަށްފަހު، ވުޒާރާތަކުގެ މަސްއޫލިއްޔަތުތައް (މެންޑޭޓު) ވަނީ އަލުން އެކުލަވައިލައްވާފައެވެ. މީގެ އިތުރުން، ސަރުކާރުގެ އިދާރީ އޮނިގަނޑު ހަރުދަނާކުރެއްވުމުގެ ގޮތުން ވުޒާރާތަކުގެ ޖުމްލަ އަދަދު 15 އަށް މަދުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މި ނިންމެވުމާ އެއްގޮތަށް ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކު، ކުރީގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނާއި އަލަށް އައްޔަންކުރެއްވި ހަތަރު ބޭފުޅުން ހިމެނޭހެން ޖުމްލަ 14 ބޭފުޅަކު ވަނީ ވަޒީރުކަމުގެ ގާނޫނީ ހުވާ ކުރައްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި ރެގިއުލޭޓްކުރާ ބިލެއް މަޖިލިހަށް ހުށަހަޅުއްވާނެ ކަަމަށް ރައީސް ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން

އަދަދު ނޫހުން ފެތުރީ ދޮގު ހަބަރެއް، ބޭންކުން ދެމުންދިޔަ ޑޮލަރު ސަޕޯޓް ހުއްޓައެއް ނުލަން: ބީއެމްއެލް
3 ގަޑިއިރު ކުރިން

ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް އެދޭކަމެއް ނޫން: ރައީސް
3 ގަޑިއިރު ކުރިން

ޑީޖޭއޭ ބަދަލުވެގެންދާނީ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީ ވާ ތަނަކަށް: ރައީސް
3 ގަޑިއިރު ކުރިން


.gif&w=3840&q=75)