logo

120 އަށްވުރެ ގިނަ ބައިވެރިންނާއެކު ބްރެސްޓް ކެންސަރ އެވެއަރނެސް ސިންޕޯސިއަމް ފަށައިފި

profile

ޖިނާން ޙުސައިން ޖަބީން - 08 އޮކްޓޯބަރު 2026 - 11:05

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ސިމްޕޯޒިއަމް، 120 އަށްވުރެ ގިނަ ބައިވެރިންނާއެކު ހޮޓެލް ޖެންގައި މިއަދު ފަށައިފިއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

https://wamco.com.mv/

ވިދިވިދިގެން 7 ވަނަ އަހަރަށް ބާއްވާ މި ސިމްޕޯޒިއަމް މިއަހަރު ހާއްސަކޮށްފައިވަނީ "ފްރޮމް ޑިޓެކްޝަން ޓު ރިކަވަރީ، ލާން އޮޕްޓިމައިޒް އެޑްވާންސް" މި ޝިއާރުގެ ދަށުންނެވެ.

ރަސްމިއްޔާތު ހުޅުވުމުގެ ގޮތުން ވާހަކަދައްކަވަމުން، އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް ޑރ. ބަސްމާ އިބްރާހީމް ސާބިރު ވިދާޅުވީ، މިއީ އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ނުހަނު މުހިންމު ސިމްޕޯޒިއަމެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ ބައްދަލުވުން ހާއްސަވެގެންދަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފުންނާބުއުސް 16ސްޕީކަރުން ބައިވެރިވެވަޑައިގަންނަވާތީ ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އުރަމަތީގެ ކެންސަރު ދެނެގަންނަ ހިސާބުން ފެށިގެން ބަލިން ފަސޭހަވުމާ ހަމައަށް ފަރުވާގެ އެކި މަރުޙަލާތަކުގައި ދިމާވާ ކަންކަމާއި، އެންމެ ފަހުގެ ހޯދުންތަކާ ގުޅޭ އަގުހުރި މަޢުލޫމާތުތައް މި ސިމްޕޯޒިއަމްގެ ތެރެއިން ހިއްސާކުރެވިގެންދާނެ ކަމަށްވެސް ޑރ. ބަސްމާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، އުރަމަތީގެ ކެންސަރާ މެދު މުޖުތަމައު ހޭލުންތެރިކުރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ، ބައްޔާ ގުޅޭ މައުލޫމާތު ކުރިއާލައި ފޯރުކޮށްދިނުމެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ފަރުވާ ހޯދުމުގެ މުހިންމުކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ. މީގެއިތުރުން، އުރަމަތީގެ ކެންސަރުން މީހުން ސަލާމަތްކުރުމަށްޓަކައި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ބިނާކޮށް، ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމްގެ މައިގަނޑު މަގުސަދަކީ، އަންހެނުންގެ މެދުގައި އުރަމަތީގެ ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކުރުމާއެކު، ބަލިން ރައްކާތެރިވުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.

https://wamco.com.mv/
tel:+9607331319