.webp&w=3840&q=75)
އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓްގެ ބޯޑުތައް ނަގައިފި

އާމިނަތު ޝަޒްލާ - 08 އޮކްޓޯބަރު 2026 - 11:08
ހުޅަނގު އައްސޭރީގައި އިސްރާއީލުން ޣައިރުޤާނޫނީ ގޮތުގައި ބިނާކޮށްފައިވާ އާބާދީތަކާ ދެކޮޅަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން، އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓް ބަންދުކުރަން އިސްރާއީލުން އެންގި އެންގުމުގެ މުއްދަތު ހަމަވުމުން އެ އިދާރާގެ ނަންބޯޑުތައް ރޭގަނޑުގެ ވަގުތެއްގައި ނަގައިފިއެވެ.
ގަލްފް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ކުރިންވެސް ނުތަނަވަސްވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.
ރޮއިޓާސްގެ ނޫސްވެރިންނަށް ފެނުނު ގޮތުގައި، ކޮންސިއުލޭޓްގެ މަސައްކަތްތެރިން ވަނީ "ބްރިޓިޝް ކޮންސިއުލޭޓް ޖެނެރަލް" ޖަހާފައިވާ ބޯޑާއި ކޮންސިއުލާ ސެކްޝަންގެ ބޯޑުތައް ނަގާފައެވެ. އެހެން ނަމަވެސް، އެ އިމާރާތުގައި އޭރުވެސް އިނގިރޭސިވިލާތުގެ ދިދަ ނަގާފައި ހުއްޓެވެ. މިކަމާ ގުޅޭގޮތުން ކޮންސިއުލޭޓުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
އިސްރާއީލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ ވަޒަންވެރިންގެ އާބާދީތަކުގައި އުފައްދާ ތަކެތި ގަނެވިއްކުން މަނާކުރުން ހިމެނޭ ގޮތަށް، އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅުތައް އިޢުލާނުކުރުމާ ގުޅިގެން، 30 ދުވަހުގެ ތެރޭގައި ކޮންސިއުލޭޓް ބަންދުކޮށް ޑިޕްލޮމޭޓުން އެ ސިޓީން ފޭބުމަށް އިސްރާއީލުން އަމުރުކުރީ ވޭތުވެދިޔަ މަހުގައެވެ.
އދ. އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޭގޮތުގައި ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޖަރީމާއެކެވެ. އެހެންނަމަވެސް، އިސްރާއީލުން އެކަން ޤަބޫލުކުރަން ދެކޮޅުހަދައެވެ. އިނގިރޭސިވިލާތުން އެ ޤައުމުގެ ކޮންސިއުލޭޓް ބަންދުނުކޮށް ހުޅުވާފައި ބެހެއްޓުމަށް ބާރުއަޅަމުންދިޔަ ނަމަވެސް، އިސްރާއީލުން ވަނީ އެކަމުގައި ހަރުކަށި ފިޔަވަޅެއް އަޅައި، އެތަން ބަންދުކުރަން ޖެހޭނެ ކަމަށް ބުނެފައެވެ. މި މައްސަލައިގައި މަޝްވަރާކުރުމަށް އިނގިރޭސިވިލާތުގެ ޤައުމީ ސަލާމަތާބެހޭ އެންމެ މަތީ މުޝީރު މިދިޔަ ހަފުތާގައި ވަނީ އިސްރާއީލަށް ޒިޔާރަތްކުރައްވާފައެވެ.
ގުދުސްގައި އިނގިރޭސިވިލާތުގެ ޑިޕްލޮމެޓިކް ޙާޟިރީއަށް ގާތްގަނޑަކަށް 200 އަހަރު ވެފައިވާއިރު، މިއީ 1948 ވަނަ އަހަރު ޒަޔަނިސްޓު އިސްރާއީލު އުފެދުމުގެ ވެސް މާ ކުރިން ފެށިގެން އޮތް ތާރީޚީ ގުޅުމެކެވެ. އިރުމަތީ ގުދުސްގައި ހުންނަ ކޮންސިއުލޭޓް ބަންދުކުރުމަށް އެންގި ނަމަވެސް، އިސްރާއީލާއެކު ސިޔާސީ ގުޅުންތައް ބަލަހައްޓާ ތަލްއަބީބުގައި ހުންނަ އިނގިރޭސި އެމްބަސީގެ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާހުގައި ހުންނަ މި ކޮންސިއުލޭޓަކީ ގުދުސްގެ އިތުރުން ހުޅަނގު އައްސޭރި އަދި ޣައްޒާގައި ދިރިއުޅޭ އަނިޔާލިބެމުންދާ ފަލަސްޠީނު ރައްޔިތުންނާއެކު އިނގިރޭސިވިލާތުން ގުޅުން ބަދަހިކުރާ މައި މަރުކަޒެވެ. އަދި އެތަނުން ފަލަސްޠީނު މީހުންނަށް ކޮންސިއުލަރ ޚިދުމަތްތައް ވެސް ދެމުންދެއެވެ. ނަމަވެސް، ކޮންސިއުލޭޓްގެ މަސައްކަތްތައް އަދިވެސް ކުރިއަށްދޭތޯ ނުވަތަ ޑިޕްލޮމޭޓުން ފުރައިގެން ގޮސްފައިވޭތޯ ސުވާލުކުރުމުން އިނގިރޭސި ޚާރިޖިއްޔާއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
މި ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގެ 30 ޑިޕްލޮމޭޓުންނާއި އެމީހުންގެ ޢާއިލާތަކަށް އަސަރުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ރައްދެއްގެ ގޮތުން އިނގިރޭސިވިލާތުގައި ހުންނަ އިސްރާއީލު އެމްބަސީގެ ޑިޕްލޮމޭޓުން އެ ޤައުމުން ބޭރުކޮށްލުމާމެދު އިނގިރޭސި ސަރުކާރުން ވިސްނަމުންދާ ކަމަށް މަސްދަރުތަކުން ބުނެއެވެ. ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި ޖާސޫސީ ގުޅުންތަކެއް އޮތް ނަމަވެސް، މިފަދައިން ޑިޕްލޮމޭޓުން ބޭރުކުރުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމުތަކަށާއި، ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ވަޒަންވެރިން ދެމުންދާ ޓެރަރިސްޓް ހަމަލާތަކަށް އިނގިރޭސިވިލާތުން ވަނީ ތަކުރާރުކޮށް ފާޑުކިޔާފައެވެ. މިއާއެކު ދެ ޤައުމުގެ ގުޅުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެންމެ ދަށް ފަންތިއަކަށް ވެއްޓިފައިވާއިރު، ނަތަންޔާހޫގެ ހައްދުފަހަނައެޅި ސަރުކާރުން ވަނީ އިނގިރޭސިވިލާތުގައި ވެރިކަންކުރާ ލޭބަރ ޕާޓީއަކީ އިސްރާއީލާ މެދު އަދާވާތްތެރިކަން ގެންގުޅޭ ބައެއް ކަމަށް ތުހުމަތުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސައިކަލެއް ކަހާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
5 ގަޑިއިރު ކުރިން

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ސްޓޭބަލް ކަނޑައަލައިފި
9 ގަޑިއިރު ކުރިން

120 އަށްވުރެ ގިނަ ބައިވެރިންނާއެކު ބްރެސްޓް ކެންސަރ އެވެއަރނެސް ސިންޕޯސިއަމް ފަށައިފި
11 ގަޑިއިރު ކުރިން

ރައްުޔިތުން މިސްލީޑުކުރުމަކީ ރައީސް އަކަށް ހުންނަ މީހާއަށް އޮތް ލައިސެންސެއް ނޫން: ރައީސް ޔާމީން
12 ގަޑިއިރު ކުރިން


