logo

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ސްޓޭބަލް ކަނޑައަލައިފި

profile

މުޙައްމަދު ފަޟްލޫން - 08 އޮކްޓޯބަރު 2026 - 13:31

ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސް އިންވެސްޓާސް ސަރވިސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ 2 އިން ސީއޭއޭ1 އަށް މަތިކޮށް، ރާއްޖޭގެ އައުޓްލުކް ސްޓޭބަލް ނުވަތަ ހަމަޖެހޭ ފެންވަރެއްގައި ހުރިކަމަށް ކަނޑައަޅައިފިއެވެ.

https://wamco.com.mv/

މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކުރަން ނިންމީ، ދަރަނި އަދާކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ކުރު މުއްދަތެއްގެ ތެރޭގައި ދަރަނި ނުދެއްކިދާނެ ކަމަށް ލަފާކުރެވުނު ނުރައްކާ ބޮޑުތަނުން ކުޑަވެފައިވާތީއެވެ.

މި ނިންމުމާ ގުޅިގެން ފިނޭންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރެޑިޓް ރޭޓިންގ މަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިއަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ހަލާސްކުރުމާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދައްކައި ނިންމުމުގެ އިތުރުން ސެޕްޓެމްބަރު މަހާއި މެއި މަހުގައި ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓީބިލު ދެއްކުން ހިމެނޭ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް ކުރިއެރުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފް ވަރުގަދަވަމުން އައުމުގެ އިތުރުން، ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި އަވަށްޓެރި ގައުމުތަކުން މާލީ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އޮތްކަން މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ހެޔޮ ބަދަލުތަކަކީ ސަރުކާރުން އެކަށައަޅައި ތަންފީޒުކުރަމުންދާ އިގްތިސާދީ ސިޔާސަތުތަކުގެ ހަރުދަނާކަމުގެ ނަތީޖާކަން އެ އެޖެންސީން ބަލައިގެންފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ބައިނަލް އަގްވާމީ މާލީ އިދާރާތަކުގެ ފަރާތުން ލިބޭ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ފުދުންތެރިކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު އޭޝިއަން ޑިވޮލަޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރު ހިމެނޭހެން ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ހޯދާފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319