logo
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---

ދިވެހި ބިން ޔަހޫދީންނަށް ދީފައި މިނިވަންކަމުގެ ވާހަކަ ދައްކަނީ ކޮން ހަމައަކުންތޯ އިމްރާން ސުވާލު އުފައްދަވައިފި

profile

ޖިނާން ޙުސައިން ޖަބީން - 24 އޮކްޓޯބަރު 2026 - 09:32

ދިވެހި ބިމުން ބައެއް ޔަހޫދީންނަށް ހިލޭ ދީފައި، މިނިވަންކަމުގެ ވާހަކަ ދައްކަނީ ކޮން ހަމައަކުންތޯ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސުވާލު އުފައްދަވައިފިއެވެ.

https://wamco.com.mv/

މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމްރާން ވަނީ، ދިވެހި ކާބަފައިންގެ ލެއިން ގުރުބާންވެ މިނިވަންކަން ދަމަހައްޓާފައިވާ ދިވެހި ފަސްގަނޑުން 500 ހެކްޓަރުގެ ބިން ޒަޔަނިސްޓު ޔަހޫދީންނަށް ހިތުހުރި ގޮތެއް ހަދަން ހިލޭ ދިނުމަށްފަހު، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކަ ދެއްކޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

View post on Twitter

އިމްރާން މި މޭރުމުން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ މެރީނާ މަޝްރޫއެއް ހިންގުމުގެ ނަމުގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ބިމުން ބޮޑު ބައެއް ދިނުމާ ގުޅިގެން ޒަޔަނިސްޓު ޔަހޫދީންނަށް ރާއްޖޭގައި ވަޒަންވެރިވެވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކުވެސް އަންނަނީ މިކަމާ މެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެ ފަރާތްތަކުގެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި މަޝްރޫއު ވީހާވެސް އަވަހަށް ފެށުމަށެވެ.

އީގަލް ހިލްސް ކުންފުނީގެ ބާނީ މުހައްމަދު އަލްއައްބާރަކީ ޔަހޫދީންނާ ގާތް ގުޅުމެއް ބާއްވައި، އިޒުރޭލަށް އެކި ގޮތް ގޮތުން ފަންޑުކުރަމުން އަންނަ ފަރާތެކެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ގެ ނަމުގައި މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ފެށި މަޝްރޫއެއް ކަމަށް ސަރުކާރުން މީގެ ކުރިން ބުނި ނަމަވެސް، ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ނިންމީ 99 އަހަރުގެ ދިގު މުއްދަތަކަށެވެ.

ނަމަވެސް، މިކަން ދޮގުކޮށް ސަރުކާރުން ބުނެފައިވަނީ، އެ ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރަނީ ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ގާނޫނުން ހުއްދަކުރާ 99 އަހަރުގެ ލީޒް އުސޫލުން ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހުރިހާ ވަސީލަތްތަކާއި ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށް ކަމަށްވެސް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

https://wamco.com.mv/
tel:+9607331319