logo

ރަސްމާލެ މަޝްރޫއު މިހާރު ރޭވިފައިވާ ގޮތަށް ގޮސްފިނަމަ ގައުމުގެ ބާރު ދިވެހިންގެ އަތުން ގެއްލިދާނެ: ޝެއިހް އިމްރާން

profile

ޖިނާން ޙުސައިން ޖަބީން - 24 އޮކްޓޯބަރު 2026 - 06:53

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ނިންމާފައިވާ މެރީނާ މަޝްރޫއުގައި މިހާރު ރޭވެމުންދާ ކަންކަން އެ ގޮތުގައި ކުރިއަށް ހިނގައްޖެނަމަ، ކުރިއަށް އޮތް ޖީލުތަކާ ހަމައަށްދާއިރު ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު ދިވެހިންގެ އަތުން ގެއްލިދާނެ ކަމުގެ އިންޒާރު ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ދެއްވައިފިއެވެ.

https://wamco.com.mv/

މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޝެއިހް އިމްރާން ވިދާޅުވީ، ރަސްމާލޭގައި ކަންކަން ހިންގުމަށް މިހާރު ރޭވެމުންދާ ގޮތްތަކާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. އަދި އެ ކަންކަން ނުހުއްޓި އެގޮތަށް ކުރިއަށް ހިނގައްޖެ ނަމަ، ދަރިންގެ ދަރިންނާ ހަމައަށް ދާއިރު ރާއްޖޭގެ މިނިވަންކަމާއި ގޮތް ނިންމުމުގެ ބާރުތައް ބީވެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ. މީގެއިތުރުން، ގައުމު އަޅުވެތި ކުރުމުގެ ސަބަބަކަށް މިހާރު އޮތް ޖީލު ނުވުމަށް ވެސް އިމްރާން ވަނީ އިލްތިމާސް ކުރައްވާފައެވެ.

View post on Twitter

ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ނަމުގައި ކުރިއަށްގެންދާ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މީގެކުރިން ބުނެފައިވަނީ، އެއީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ބޭނުމުގައި ހިންގި މަޝްރޫއެއް ކަމަށެވެ. ނަމަވެސް، މިފަހުން ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ކުއްޔަށް ދޭން ސަރުކާރުން ނިންމި ނިންމުމާ މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަރުކާރުން ބުނާ ގޮތުގައި، އެ ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރާނީ ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ގާނޫނުން ހުއްދަކުރާ 99 އަހަރުގެ ލީޒް އުސޫލުން ކަމަށާއި، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހުރިހާ ވަސީލަތްތަކާއި ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓްގެ އިތުރުން ރާއްޖޭގެ މުޅި ޖީޑީޕީ 8.13 ބިލިއަން ޑޮލަރުގައި އޮތްއިރު، މި މަޝްރޫއުގެ އަގު ރާއްޖޭގެ ޖުމްލަ އިގްތިސާދަށްވުރެ ދެގުނަ ބޮޑުކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

މި މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އީގަލް ހިލްސް ކުންފުނީގެ ބާނީ މުހައްމަދު އަލްއައްބާރަކީ ޔަހޫދީންނަށް ވާގިވެރިވާ ފަރާތެއް ކަމަށްވާތީ ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އަލްއައްބާރާ ގުޅިގެން ދިވެހި ސަރުކާރުން ވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ކަމަށް އެ ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން އަންނަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319