
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---
ރަސްމާލޭގެ ބިން ޔަހޫދީންނަށް ވިއްކުމާ ދެކޮޅަށް އަޑުއުފުލުމަކީ އިލްމުވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް: އިމްރާން

ޖިނާން ޙުސައިން ޖަބީން - 16 އޮކްޓޯބަރު 2026 - 18:14
ރަސްމާލޭގެ ބިމުން ބޮޑު ބައެއް ޔަހޫދީ ޒަޔަނިސްޓުންނަށް ވިއްކުމަށް ރޭވެމުންދާ ރޭވުންތައް ހުއްޓުވުމަށްޓަކައި، ކެރިގެން ހައްގުބަސް ބުނުމަކީ ހަތީބުންނާއި އިލްމުވެރިންގެ ބޮލުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ހުތުބާ ވިދާޅުވުމަށް މިންބަރަށް އަރައިވަޑައިގެންނެވި ހަތީބުންނާއި ދީނީ އިލްމުވެރިންނަށް އަމާޒުކުރައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އިމްރާން ވިދާޅުވީ، އެ ބޭފުޅުން އަދާކުރައްވަމުން ގެންދަވަނީ ނުހަނު މަތިވެރި ދީނީ ވާޖިބެއް ކަމަށާއި އަދާކުރައްވަމުން ދަނީ އިންތިހާއަށް ބޮޑު އަމާނާތެއް ކަމަށެވެ. އަދި އެ ބޭފުޅުންގެ ބޮލުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރެއްވުމަކީ ކޮންމެހެން ލާޒިމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ބިންތަކުން ބައެއް ޒަޔަނިސްޓުންނަށް މިލްކުވާނެހެން ރޭވެމުންދާ ރޭވުންތަކާ ދެކޮޅަށް ފާޅުގައި ތެދުވުމަށް ބާރުއަޅުއްވަމުން އިމްރާން ވިދާޅުވީ، އެކަން ހުއްޓުވުމަށްޓަކައި ކެރިގެން އަޑުއުފުލައި ހައްގުބަސް ބުނުމަކީ އިމާމުންނާއި ހަތީބުން އިސްނަންގަވަންޖެހޭ ކަމެއް ކަމަށެވެ.
ހައްގުބަސް ބުނަން ފަސްޖެހިއްޖެނަމަ ކުރިމަތިވެދާނެ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އިމްރާން ވިދާޅުވީ، އިލްމުވެރިން ހިމޭނުން ތިއްބަވަނިކޮށް މި ގައުމުގައި ގިނަ އަދަދެއްގެ ޒަޔަނިސްޓު ޔަހޫދީން ވަޒަންވެރިވެ، ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ގެއްލި، އެހެން ދީންތައް ފެތުރުމުގެ ފުރުސަތު ފަހިވެގެން ހިނގައިދާނެ ކަމަށެވެ.
މީގެއިތުރުން، އެފަދަ ބައެއްގެ ބާރުގެ ދަށަށް ކަންކަން ގޮސް، މުސްލިމުން ނިކަމެތިވެ އަޅުވެތިވާ ހާލަތަކަށް ވާސިލުވެއްޖެނަމަ، މާތްﷲ ގެ ހަޟުރަތުގައި ދައްކާނީ ކޮން އުޒުރެއްތޯ ސުވާލު އުފައްދަވަމުން، އެކަމުގެ ސަބަބުން އަތުވެދާނެ އަޒާބާއި އުގޫބާތަކަށް އެންމެ ބޮޑަށް ބިރުވެތިވެވަޑައިގަންނަވަން ޖެހޭނީ ހަތީބުންނާއި އިލްމުވެރިން ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
ޝެއިހް އިމްރާން މި މޭރުމުން ވިދާޅުވެފައި މިވަނީ، ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއްގައި މެރީނާ މަޝްރޫއެއް ހިންގުމަށްޓަކައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވާ މައްސަލައިގައި އާންމުންގެ މެދުގައި ނުތަނަވަސްކަމާއި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: ގައުމީ ސިޔާދަތާއި އިގްތިސާދީ މިނިވަންކަން ނުރައްކަލެއްގެ ތެރޭގައި؟
4 ދުވަސް ކުރިން

ރަސްމާލެ މަޝްރޫޢު އާއި ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީވުމަށް ކުރީގެ މިނިސްޓަރ ޢަބްދުالله ހަލީލް ގޮވާލައްވައިފި
4 ދުވަސް ކުރިން

"އީގަލް ހިލްސް" އާއިއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް!
5 ދުވަސް ކުރިން

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް އީގަލް ހިލްސް ކުންފުންޏަށް ރައީސް ޔާމީން ގޮވާލައްވައިފި
5 ދުވަސް ކުރިން


