
އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ކުރިއަށްގެންދާ މަޝްރޫއު ހުއްޓާލުމަށް ރައީސް ޔާމީން ގޮވާލައްވައިފި

ޖިނާން ޙުސައިން ޖަބީން - 11 އޮކްޓޯބަރު 2026 - 12:14
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މެރީނާ މަޝްރޫއު ވަގުތުން ވަގުތަށް ހުއްޓާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް ޔާމީން މިކަމަށް ގޮވާލެއްވީ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، އީގަލް ހިލްސް ކުންފުނިން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ އިތުބާރާއި ތާއީދު ގެއްލިފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނެގުމަށް ކަމަށެވެ. އަދި އީގަލް ހިލްސް ކުންފުންޏަކީ ވަރަށް ދަށުދަރަޖައިގެ ކުންފުންޏެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް، އަދި އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ސާބިތުކަމާއެކު ވަކާލާތުކުރާ ގައުމަކަށް ވާއިރު، މިފަދަ ގައުމެއްގައި ޔަހޫދީންގެ އާބާދީއެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ އެ ކުންފުނީގެ ނުބައި ނިޔަތް ހާމަވާ ކަމެއް ކަމަށާއި، މި މަޝްރޫއާމެދު ދިވެހި ރައްޔިތުންގެ މެދުގައި އޮތީ ނަފްރަތާއި ނުރުހުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އެ ކުންފުންޏަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ މި މަޝްރޫއު ވަގުތުން ހުއްޓާލުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުނިތަކަށް ބިން ދޫކުރުމާއި މަސައްކަތްތައް ހަވާލުކުރަމުންދާ ގޮތާމެދު އިދިކޮޅު ފަރާތްތަކާއި، ދީނީ އިލްމުވެރިންގެ އިތުރުން އާންމު ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، އެއްވެސް ލޭންޑް އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ނުނަގާ ގޮތަށް ބިން ދޫކޮށްފައިވާއިރު، ދައުލަތަށް ލިބެނީ ޑިވެލޮޕަރު ފުރަތަމަ ފަހަރަށް ޕްރޮޕަޓީ ވިއްކާލުމުން ލިބޭ 10 އިންސައްތައިގެ ފީއަކާއި ގަންނަ ފަރާތުން ދައްކަންޖެހޭ 4 އިންސައްތައިގެ ފީއެއް އެކަންޏެވެ.
މީގެއިތުރުން، މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 4 އިންސައްތަ ލިބޭ ގޮތަށް އޮތް ނަމަވެސް، މިލްކިއްޔާތު ވިއްކާލާ ނުވަތަ ހިބައިން ދޭ ކޮންމެ ފަހަރަކު 99 އަހަރުގެ އާ ކުއްޔަކަށް މުއްދަތު ބަދަލުވާތީ، މިއީ ދިވެހި ދައުލަތުގެ ބިން އަބަދުގެ އަބަދަށް ގެއްލިގެންދާނެ ފަދަ ނުރައްކާތެރި އެއްބަސްވުމެއް ކަމުގެ ބިރު ވަނީ އުފެދިފައެވެ. މިކަމާ ގުޅިގެން ސަރުކާރަށް މިހާ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވަމުން ދިޔަ ނަމަވެސް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ރަސްމާލެ މަޝްރޫއާއި އީގަލް ހިލްސް ކުންފުނީގެ ދިފާއުގައި ވާހަކަދައްކައި، އެ މަޝްރޫއު ޕްރޮމޯޓުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަޞްޠީނު ރައްޔިތުންގެ ކެކުޅުންތަކަށް އަލްޢައްބާރު ހަޖޫޖެހި އިންޓަރވިއުއެއް!
ދުވަހެއް ކުރިން

އީގަލްސް ހިލްސް ކުންފުނީގެ ”ލޯ“ ދިވެހިރާއްޖެ އަށް! ކީއްވެ؟
2 ދުވަސް ކުރިން

އަލްއައްބާރު ޔަހޫދީންގެ ކައިވެނި ހަފުލާއެއްގައި ދުއާކުރި މައްސަލައެއް!
2 ދުވަސް ކުރިން

ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލްސް ހިލްސްއަށް ދިނުމާ ދެކޮޅަށް މުޅި ޤައުމު އެކީ ތެދުވަންޖެހޭ!
2 ދުވަސް ކުރިން


