
ފަލަޞްޠީނު ރައްޔިތުންގެ ކެކުޅުންތަކަށް ފުރައްސާރަކޮށް އަލްޢައްބާރު: އެމީހަކު އުފައްދާ ކުންޏެއް ސާފުކުރަންޖެހޭނީ އެމީހަކު!

ޖިނާން ޙުސައިން ޖަބީން - 10 އޮކްޓޯބަރު 2026 - 17:10
އިޒްރޭލުގެ އަނިޔާވެރި ސިފައިން ފަލަޞްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ތަންތަން އަލުން އާރާސްތުކުރުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެ، ޔޫއޭއީގެ މަހުޖަނު އަދި އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުޙައްމަދު އަލްޢައްބާރު ދެއްކި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިންޓަވިއުއެއްގައި އަލްޢައްބާރު ބުނެފައިވަނީ، ޣައްޒާ އާރާސްތުކުރުމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން އޭނާއާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ ގަބޫލުކުރާ ފަލްސަފާއަކީ "ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނި އަމިއްލައަށް ސާފުކުރުން" ކަމަށް ބުނެ، ކެއުމަށްފަހު ތަށި ދޮވުމާއި ނިދާ އެނދުމަތި ތަރުތީބުކުރުމަކީ އަމިއްލަ ޒިންމާއެއްގެ ގޮތުގައި މައިންބަފައިން ދީފައިވާ ތަރުބިއްޔަތު އޭނާ މިސާލެއްގެ ގޮތުގައި ނެގިއެވެ.
މީގެއިތުރުން، އެ ހަމަނުޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ އެކަމުގައި ބައިވެރިވާ ފަރާތްތަކުން ކަމަށާއި، ޣައްޒާ ސުންނާފަތިވުމުގައި އޭނާގެ އެއްވެސް ކުންފުންޏެއްގެ ދައުރެއް ނޯންނާނެ ކަމަށް ވެސް އަލްޢައްބާރު ބުންޏެވެ. އަދި އޭނާގެ އަމާޒަކީ ހުޅަނގުގެ ބޮޑެތި ވިޔަފާރިވެރިން ފަދައިން ބިލިއަން ޑޮލަރުގެ ފައިދާ ހޯދައި، ކުންފުނީގެ ހިއްސާދާރުން މުއްސަނދިކޮށްދިނުން ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
އަލްއައްބާރުގެ މި ވާހަކަތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ހިންގާ ރަސްމާލެ މަޝްރޫއުގެ ތެރެއިން، އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށް ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ މަޝްރޫއު ހުއްޓާލުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ވަނީ ގޮވާލައްވާފައެވެ.
މި މައްސަލައިގައި ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޣައްޒާގެ ނިކަމެތި މުސްލިމުންގެ ހާލަތަށް ބެލުމެއް ނެތި، ހަމައެކަނި އަމިއްލަ މަންފާއަށް އިސްކަންދޭ މިފަދަ ފަރާތަކަށް ދިވެހިންގެ އެންމެ އަގުބޮޑު ބިން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޒަމްޒަމް ފާހަގަކުރެއްވި ގޮތުގައި، 99 އަހަރުގެ ތެރޭގައި 20 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނާއިރު އެއީ އަހަރަކަށް އެންމެ 200 މިލިއަން ޑޮލަރެވެ. އަދި ބައިނަލްއަގުވާމީ މަސްރަހާއި އިގްތިސާދީ ލޮޅުންތަކުގެ ސަބަބުން އެ ފައިސާ ނުލިބުނު ކަމުގައި ވިޔަސް، ރަސްމާލޭގެ ބިން އޮންނާނީ އަލްޢައްބާރުގެ ބާރުގެ ދަށުގައި ކަމަށް ވެސް ޒަމްޒަމް ވިދާޅުވިއެވެ. މީގެއިތުރުން މިސްރާއި އެހެނިހެން ގައުމުތަކުގައި ވެސް އެ ކުންފުނިން ފެށި މަޝްރޫއުތައް އެތައް އަހަރެއް ވީއިރުވެސް ނުނިމި ދިގުލައިގެން ގޮސްފައިވާކަން އޭނާ ވަނީ ހަނދާންކޮށްދެއްވައިފައެވެ.
ހަމައެއާއެކު، ދީނީ އިލްމުވެރިޔާ އާދަމް ނިޝާން ވެސް ވަނީ މިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނިޝާން ވިދާޅުވީ، 99 އަހަރަށް ބޭރުގެ ބަޔަކަށް މިހާ ބޮޑު ބިމެއް ދޫކޮށްލުމަކީ ދުރު މުސްތަގުބަލުގައި ރާއްޖޭގެ 900 އަހަރުވީ އިސްލާމީ ވަހުދަތަށާއި މިނިވަންކަމާއި އިސްތިގުލާލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އަލްޢައްބާރާއި އިޒްރޭލާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން، ދިވެހި ފަސްގަނޑަށް އެފަދަ ފަރާތްތަކުގެ ނުފޫޒު ފޯރުމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނިޝާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގައި މުންކަރާތްތަކާއި ފާހިޝް އަމަލުތައް އާންމުވެ، ބޭރު ދީންތަކުގެ މީހުން ދާއިމީކޮށް ވަޒަންވެރިވެ ރަށްވެހިކަން ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތުން އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ބަޔަކަށް ވެގެން ހިނގައިދާނެ ކަމަށާއި، ދުބާއީ ފަދަ ސަރަހައްދުތަކުގައި ހުރި ނޭދެވޭ ސަގާފަތްތައް މި ކުޑަކުޑަ އިސްލާމީ ގައުމަށް ގެނައުމަކީ އެއްވެސް ހާލެއްގައި ރުހެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލްޢައްބާރު ޔަހޫދީންނާ ބާއްވާ ގާތް ގުޅުމާ މެދު ނުރުހުން ފާޅުކޮށް، ގިނަ އަދަދެއްގެ ދިވެހިން ދަނީ މީސްމީޑިއާގައި އަޑުއުފުލަމުންނެވެ. ދިވެހި ރައްޔިތުން އަބަދު ވެސް ތިބޭނީ އަނިޔާ ލިބެމުންދާ ފަލަޞްޠީނުގެ މައުސޫމު އަހުންނާއި އުހުތުންނާ އެކުގައިކަން އާންމުން ދަނީ ތަކުރާރުކޮށް ސަރުކާރަށް ހަނދާންކޮށްދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އީގަލްސް ހިލްސް ކުންފުނީގެ ”ލޯ“ ދިވެހިރާއްޖެ އަށް! ކީއްވެ؟
17 ގަޑިއިރު ކުރިން

އަލްއައްބާރު ޔަހޫދީންގެ ކައިވެނި ހަފުލާއެއްގައި ދުއާކުރި މައްސަލައެއް!
ދުވަހެއް ކުރިން

ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލްސް ހިލްސްއަށް ދިނުމާ ދެކޮޅަށް މުޅި ޤައުމު އެކީ ތެދުވަންޖެހޭ!
ދުވަހެއް ކުރިން

ރަސްމާލެ މަޝްރޫއުގައި ސޮއިކުރީ ގަވައިދާ ޙިލާފަށް، އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކުރި ކަމެއް: ޑރ ޝަމްހީދު
3 ދުވަސް ކުރިން


