
އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލްއައްބާރު ޔަހޫދީންގެ ކައިވެނި ހަފުލާއެއްގައި ދުއާކުރި މައްސަލައެއް! ގިނަ ބައެއްގެ ކަންބޮޑުވުން

ޖިނާން ޙުސައިން ޖަބީން - 09 އޮކްޓޯބަރު 2026 - 13:49
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީގައި 2022 ވަނަ އަހަރުގެ ތެރޭގައި ބޭއްވި ޔަހޫދީންގެ ކައިވެނި ހަފުލާއެއްގައި "އީގަލް ހިލްސް" ކުންފުނީގެ ވެރިޔާ މުހައްމަދު އަލްއައްބާރު ދުއާކުރި މައްސަލައެއް ފެންމަތިވެ، ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
2022 ވަނަ އަހަރު ބޭއްވި މި ކައިވެނި ހަފުލާގައި އަލްއައްބާރު ވަނީ ޔަހޫދީންގެ ދީނީ އިލްމުވެރިންނާ ގުޅިގެން އެ ދެމަފިރިންނަށް ބަރަކާތްލެއްވުން އެދި އަރަބި ބަހުން ދުއާ ލައިދީފައެވެ. މި މަންޒަރުތައް މީސްމީޑިއާގެ އެކި މަންސަތަކުގައި މިހާރު ދައުރުވެފައިވާއިރު، މިފަހުން ސަރުކާރުން ވަނީ މާލެ އަތޮޅު ފުށިދިއްގަރު ފަޅުގައި އައްބާރުގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން މެރީނާ މަޝްރޫއެއް ކުރިއަށްގެންދިއުމަށް ނިންމައިފައެވެ.
ފުށިދިއްގަރު ފަޅުގައި މެރީނާ މަޝްރޫއު ހިންގުމާ ދެކޮޅަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މިކަމަށް އެންމެ ބޮޑަށް ދެކޮޅު ހައްދަވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވައެވެ. މި މަޝްރޫއު ރާއްޖޭގައި ހިންގުމާ ދެކޮޅަށް އެންމެ ބޮޑަށް ބަސް ވިދާޅުވާ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއްބޭފުޅަކީ ޒަމްޒަމް ފާރިޝްއެވެ.
މައްސަލައިގެ ސީރިއަސް ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޒަމްޒަމް ވިދާޅުވީ، ވިޔަފާރީގެ ނަމުގައި އެފަދަ ފަރާތްތަކުން މުސްލިމު ގައުމުތަކަށް އަރައި، އެ ގައުމުތަކަށް ވެރިވެގަނެ އަޅުވެތިކޮށް އެ ގައުމުތަކުގެ ރައްޔިތުންނަށް ހަދަމުންދާ ގޮތާ މެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ.އަދި ފުށިދިއްގަރު ފަޅުގައި މި މަޝްރޫއު ފެށިއްޖެނަމަ، ކުރިއަށް އޮތް 10 އަހަރާއި 20 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ދިވެހި ދަރިން އުޅެންޖެހޭނެ ހާލާ މެދު ވިސްނާ ފިކުރުކޮށް ކަންބޮޑުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މަދު ފައިސާކޮޅެއްގެ އަވާގައިޖެހި މާދަމާ އަޅުވެތިކަން ތަހައްމަލްކުރަންޖެހިދާނެކަން ފާހަގަކުރައްވަމުން ޒަމްޒަމް ވިދާޅުވީ ކުރިން ނުވެވުނު ރައްކަލެއް ފަހުން ވެސް ނުވެނޭނެ ކަމަށެވެ.
ޒަމްޒަމް ވިދާޅުވި ގޮތުގައި، އައްބާރު ފަދަ ޔަހޫދީންނަށް ވާގިވެރިވާ ފަރާތެއްގެ ކުންފުންޏަކަށް ފުށިދިއްގަރު ފަޅުގައި މެރީނާ މަޝްރޫއެއް ތަރައްގީކުރަން ހަވާލުކުރުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރެވޭ ފުރައްސާރައެކެވެ. މި މަޝްރޫއު ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށާއި އެހެންނޫން ނަމަ، ފަލަސްތީނު ރައްޔިތުންގެ ބަދު ދުއާ ދިވެހިންނަށް ޖެހި، ފަލަސްތީނަށް ޖެހުނު ހާލު ދިވެހިންނަށް ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ، ފުށިދިއްގަރު ފަޅުގައި މެރީނާ މަޝްރޫއު ހިންގަން ފުރުސަތު ދީފިނަމަ، ރާއްޖޭގައި ރެޒިޑެންސީ ވިސާގައި އުޅޭނީ ޔަހޫދީން ކަމަށް ވެސް ޒަމްޒަމް ވިދާޅުވިއެވެ.
އަރަބި އިސްލާމީ ގައުމުތަކުން ޔަހޫދީންނާ ގުޅުން ބަދަހިކޮށް ޔަހޫދީން ހިމާޔަތް ކުރުން ފަދަ ކަންކަން، ސަރަހައްދީ ހަމަޖެހުމާއި އެކުވެރިކަމުގެ ގޮތުގައި ސިފަކުރި ނަމަވެސް، ގިނަ ބަޔަކު ދެކެނީ މިއީ ނިރުބަވެރި އިޒުރޭލާއެކު ގުޅުން ބަދަހިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ހިންގާ ޖަރީމާއެއްގެ ގޮތުގައިކަން ފާހަގަކޮށްލަންޖެހެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލްސް ހިލްސްއަށް ދިނުމާ ދެކޮޅަށް މުޅި ޤައުމު އެކީ ތެދުވަންޖެހޭ!
10 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއުގައި ސޮއިކުރީ ގަވައިދާ ޙިލާފަށް، އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކުރި ކަމެއް: ޑރ ޝަމްހީދު
2 ދުވަސް ކުރިން

ސިއްރަކުން ނުކުރެވޭނެ ކަންކަމެއް! ކެމްޕެއިނަށް ފައިސާ ހޯދަން ރަސްމާލެ ވިއްކިޔަސް އަތުލާނަން: ޝިއްޕެ
4 ދުވަސް ކުރިން

އެއުޅެނީ "ދިވެހިންގެ ރާއްޖެ" އޭ ކިޔައިގެން ރާއްޖެ ފޭރިގަންނަން، އެކަމެއް ނުވާނެ: ޒިޔާދު
4 ދުވަސް ކުރިން


