.jpg&w=3840&q=75)
އެމްޑަބްލިޔުއެސްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން---
އިޒްރޭލު މީހުންގެ ނަމުގައި ރަސްމާލޭގައި ޕްރޮޕަޓީތައް ރަޖިސްޓްރީ ނުކުރާނެ ކަމަށް ބުނުމަކުން ނުފުދޭ: މަތީން

ޖިނާން ޙުސައިން ޖަބީން - 21 އޮކްޓޯބަރު 2026 - 10:30
ރަސްމާލެ މަޝްރޫއުގެ ދަށުން އިޒްރޭލު މީހުންގެ ނަމުގައި ތަންތަން ރަޖިސްޓްރީ ނުކުރާނެ ކަމަށް ސަރުކާރުން ބުނުމަކުން ނުފުދޭ ކަމަށާއި، ތެދުވެރިކަމެއް ހުރިނަމަ އެ މަޝްރޫއުގެ އެއްބަސްވުން ރައްޔިތުންނަށް ހާމަކުރުމަށް އެމްޑަބްލިޔުއެސްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން ގޮވާލައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސަރުކާރަށް ސުވާލު އަމާޒުކުރައްވަމުން މަތީން ވިދާޅުވީ، ތެދުވެރިކަމެއް އަދި އިހުލާސްތެރިކަމެއް ހުރިނަމަ ރަސްމާލޭގެ އެއްބަސްވުން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ. އަދި މި މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ހިއްސާދާރުންނަކީ ކޮބައިކަމާއި، އެ ކުންފުނިން އިންވެސްޓް ކުރަމުން އެދަނީ ކޮން ބައެއްގެ ފައިސާއެއްކަން ބަޔާންކޮށްދިނުމަށް ވެސް މަތީން ވަނީ އެދިވަޑައިގެންފައެވެ. މިއީ ކުދި ބޮޑު ހުރިހާ އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން ވެސް ރައްޔިތުންނަށް އެނގެންޖެހޭ އަސާސީ މައުލޫމާތުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިޒްރޭލުގެ ރައްޔިތުންނަށް ރަސްމާލެއިން ޕްރޮޕަޓީތައް ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް ބުނެ ސަރުކާރުން ގާނޫނުތަކާ ހަވާލާދޭ ދިނުމަށް ފާޑުވިދާޅުވަމުން މަތީން ވިދާޅުވީ، ރާއްޖޭގައި ގާނޫނުތައް ހުރީ "މަތާރަންފިލާމަތީގައި ހިރަފުސް އަރަން ދޫކޮށްލެވިފައި" ކަމަށެވެ. އެ ގާނޫނުތަކަށް އަމަލުކުރެވޭނަމަ ރާއްޖޭގެ މަގުތަކުގައި ލައްކައެއްހާ ގަވާއިދާ ހިލާފު ބިދޭސީ މަސައްކަތްތެރިން ނޫޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނ. އަތޮޅުގައި ހިންގާ އައިލާ މަޝްރޫއު އިޒްރޭލުގައި އިޝްތިހާރު ކުރެވެމުންދާކަން ފާހަގަކުރައްވައި މަތީން ވިދާޅުވީ، އެތަނުން އިޒްރޭލުގެ ގިނަ ބަޔަކު ގެދޮރު ގަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް، އެ މަޝްރޫއަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ކުންފުނީގެ ޗެއަރމަން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވިދާޅުވެފައިވާ ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަނީ އުންމީދީ އަލިމަގެއް ފެންނަން އޮތުމުން ކަމަށް މަތީން ވިދާޅުވިއެވެ.
ފަލަސްތީނުގެ މައްސަލާަގައި ދިވެހިން ކުރި އިހުތިޖާޖުތަކަށް އިޝާރާތް ކުރައްވައި މަތީން ވިދާޅުވީ، މާލޭގެ އަމީނީ މަގުގައި ހުރި ޕިއްޒާ ހަޓާއި ކޭއެފްސީ ދިވެހި ޒުވާނުން ނުކުމެ ބަންދުކުރުވީ އެތަންތަނުގެ ވިޔަފާރި އިޒްރޭލު މީހެއްގެ ނަމުގައި އޮވެގެން ނޫން ކަމަށެވެ. އެކަން އެގޮތަށް ކުރީ އެ ވިޔަފާރި ޗޭނުން އިޒްރޭލުގެ އަނިޔާވެރިކަމަށް ހަރަދުކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލްއައްބާރު އެކި ގޮތްގޮތުން އިޒްރޭލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭކަން ލިޔެކިޔުންތަކުން ސާފުވާން އެބައޮތް ކަމަށާއި، މެދުއިރުމަތީގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް ހިންގާ މަޝްހޫރު "އެމެރިކާނާ ރެސްޓޯރަންޓްސް" ގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ވެސް އަލްއައްބާރު ކަމަށް ވިދާޅުވެ މަތީނު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހި ބިން ޔަހޫދީންނަށް ދީފައި މިނިވަންކަމުގެ ވާހަކަ ދައްކަނީ ކޮން ހަމައަކުންތޯ އިމްރާން ސުވާލު އުފައްދަވައިފި
8 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއާއި ގުޅިގެން ހިންހަމަނުޖެހޭ ޕީއެންސީގެ ފަރާތްތަކާއި ރައީސް ބައްދަލުކުރަމުންދާކަން އެނގިއްޖެ!
9 ގަޑިއިރު ކުރިން

ރާއްޖޭގެ ބިން ބޭރު މީހުންނަށް 99 އަހަރަށް ނުދެވޭނެ: އަލީ ހުސައިން
5 ދުވަސް ކުރިން

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: މަޝްރޫޢުގެ އަގުގެ އޮޅުންބޮޅުން
8 ދުވަސް ކުރިން


