logo
ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: މަޝްރޫޢުގެ އަގުގެ އޮޅުންބޮޅުން

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: މަޝްރޫޢުގެ އަގުގެ އޮޅުންބޮޅުން

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: މަޝްރޫޢުގެ އަގުގެ އޮޅުންބޮޅުން

profile

ރިޟްވާން މޫސާ - 16 އޮކްޓޯބަރު 2026 - 12:29

ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގަން ރޭވިފައިވާ އެންމެ ބިޔަ އަދި އެންމެ އަގުބޮޑު އެއް މަޝްރޫޢަކީ 'ރަސްމާލެ' ތަރައްޤީ ކުރުމުގެ މަޝްރޫޢެވެ. ވެރިރަށް މާލެ ސަރަޙައްދުގެ ތޮއްޖެހުމަށް ޙައްލެއް ހޯދައިދީ، ގެދޮރުވެރިކަމުގެ އައު ދޮރުތަކެއް ހުޅުވާލުމުގެ އަމާޒުގައި ފެށި މި މަޝްރޫޢުގެ ބޮޑު ބައެއް، 500 ހެކްޓަރުގެ ބިން ޔޫ.އޭ.އީގެ އީގަލް ހިލްސްއަށް އެއްވެސް ބިޑުކުރުމެއްނެތި ނުއަގުގައި ވިއްކާލާފައިވާ ޚަބަރާއެކު، ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ބަޙުޘްތަކެއް އުފެދިފައެވެ. ނަމަވެސް، މި މުޅި މަޝްރޫޢާ ގުޅޭގޮތުން މިހާރު އެންމެ ބޮޑަށް ފާހަގަކުރެވެނީ މަޝްރޫޢުގެ އަގާމެދު އުފެދިފައިވާ ބޮޑު އޮޅުންބޮޅުމެވެ.

https://wamco.com.mv/

ސަރުކާރުގެ ރަސްމީ އިދާރާތަކުންނާއި އިސް ވެރިން މީޑިއާތަކުގައި ވިދާޅުވަމުން ގެންދަވަނީ، ރަސްމާލެ މަޝްރޫޢަކީ ގާތްގަނޑަކަށް 20 ބިލިއަން އެމެރިކާ ޑޮލަރުގެ (ގާތްގަނޑަކަށް 308 ބިލިއަން ދިވެހި ރުފިޔާގެ) އަގުހުރި އިންވެސްޓްމަންޓެއް ކަމަށެވެ. މިއީ ރާއްޖޭގެ މުޅި އިޤްތިޞާދާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑު އަދަދެކެވެ. އެހެންނަމަވެސް، މި މަޝްރޫޢު ހިންގުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އީގަލް ހިލްސް ކުންފުނީގެ ފަރާތުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 12 ބިލިއަން އެމެރިކާ ޑޮލަރެވެ.

ދެ ފަރާތުގެ ދެމެދުގައި ހުރި 8 ބިލިއަން ޑޮލަރުގެ ބޮޑު ފަރަޤަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ. މި ފަރަޤާއެކު ޢާންމުންނާއި އިޤްތިޞާދީ މާހިރުންގެ ހިތްތަކުގައި ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ:

ފުރަތަމަ ކަމަކަށް، 20 ބިލިއަން ޑޮލަރާއި 12 ބިލިއަން ޑޮލަރާ ދެމެދު އޮތް 8 ބިލިއަން ޑޮލަރުގެ ތަފާތަކީ ކޮން އެއްޗެއް ހިމެނޭ އަދަދެއް ހެއްޔެވެ؟ ސަރުކާރުން ބުނާ 20 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ ހަމައެކަނި އީގަލް ހިލްސްގެ އިންވެސްޓްމަންޓް އެކަނި ނޫން ކަމަށް ވެދާނެ ހެއްޔެވެ؟ ނުވަތަ މިއީ މަޝްރޫޢުގެ އަގު އާންމުންނަށް ބޮޑުކޮށް ދެއްކުމަށް ސަރުކާރުން ހާމަކުރި އަދަދެއް ހެއްޔެވެ؟

ދެވަނަ ކަމަކަށް، މަޝްރޫޢުގެ މުޅި އަގު ކަށަވަރު ނުވެ، އެއްބަސްވުންތަކުގެ ތަފްޞީލު ހާމަނުކޮށް ބިން ދޫކުރުމުގެ މުޢާމަލާތްތައް ކުރިއަށްދާ ދިއުމަކީ ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްދާ ކަމެއްތޯ ސުވާލު އުފެދެއެވެ. ބިމަކީ ދިވެހި ރައްޔިތުންގެ އެންމެ އަގުބޮޑު ޤުދުރަތީ ވަސީލަތް ކަމުގައިވާއިރު، އެ ބިމުން ދޫކުރެވޭ ބޮޑު ސަރަޙައްދަކާ ގުޅޭގޮތުން ބޭރުގެ އަމިއްލަ ކުންފުންޏަކާއި ދިވެހި ދަޢުލަތާ ދެމެދު އަގުގެ މިފަދަ ބޮޑު ފުށުއެރުމެއް އޮތުމަކީ ޤައުމީ މަޞްލަޙަތަށް ބަލާއިރު ކަންބޮޑުވާންޖެހޭ ކަމެކެވެ.

މީގެ އިތުރުން، އީގަލް ހިލްސްއަށް މި ބިން 99 އަހަރަށް ދޫކުރެވެނީ ކޮން އުޞޫލަކުން، ތޯއާއި އަދި ދިވެހި ދަޢުލަތަށް މީގެ ސަބަބުން ލިބޭނެ ޙަޤީޤީ މަންފާއަކީ ކޮބައިކަން ސާފުކޮށްދިނުމަކީ ރައްޔިތުންގެ ޙައްޤެކެވެ. އަދި އިންވެސްޓްމަންޓުގެ އަގާމެދު އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން، މަޝްރޫޢުގެ އިތުބާރު ގެއްލި، މާލީ ގޮތުން ދިވެހި ދަޢުލަތް ބޮޑު ދަރަންޏަކަށް ނުވަތަ ގެއްލުމަކަށް ވެއްޓިދާނެ ކަމުގެ ބިރުވެސް އެބައޮތެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ރަސްމާލެ މަޝްރޫޢުގެ އަގާމެދު ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އޮތް މި ބޮޑު ފުށުއެރުމަކީ ސަރުކާރުން މިހާރުން މިހާރަށް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ މުހިންމު ކަމެކެވެ. ޤައުމުގެ އެންމެ އަގުބޮޑު އެސެޓް ކަމަށްވާ ބިން ބޭރުގެ ފަރާތްތަކަށް ދޫކުރާއިރު، ދެފުށް ފެންނަ، ހާމަކަން ބޮޑު އުޞޫލުތަކެއް ގެންގުޅުމަކީ ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ އިސްތިޤްލާލު ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ލާޒިމު ކަމެކެވެ.

https://wamco.com.mv/
tel:+9607331319