.jpeg&w=3840&q=75)
ދިވެހި ފުލުހުންގެ މައި އޮފީސް (ޝަހީދު ހުސެން އާދަމް ބިލްޑިންގ)
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފި

އާމިނަތު ޝަޒްލާ - 16 އޮކްޓޯބަރު 2026 - 13:03
މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް، އޭނާގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހައިދީފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާގެ މައްޗަށް ދައުލަތުން ތުހުމަތު ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެ ތަކެތި ޓްރެފިކް ކުރުމުގެ ކުށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައި (ކަސްޓޯޑިއަލް ޖަލެއްގައި) ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ރާއްޖެ އައިއިރު ގެނައި ލަގެޖު ޗެކްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ފުޅި ވަނީ ފެނިފައެވެ. އަދި އެ ތަކެތި ތަހުލީލު ކުރިއިރު، އެއީ 1.808 ކިލޯގެ ޓެޓްރާހައިޑްރޯ ކެނަބިނޯލް ނުވަތަ ކެނަބިނޯލްކަން ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން ކަސްޓަމްސްއިން ވަނީ އެ މީހާއާއި އޭނާގެ ލަގެޖް އިތުރު ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް، ފެނުނު ތަކެއްޗާ ގުޅޭގޮތުން ސުވާލުކުރުމުން، އެއީ ހުސް އޭނާގެ އަމިއްލަ އެއްޗެއް ކަމަށާއި، ރާއްޖޭގެ އެއްވެސް ފަރާތަކާ ހަވާލުކުރަން ގެނައި އެއްޗެއް ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ. އޭނާ އެހެން ބުނުމާ ގުޅިގެން، އެ ތަކެތި ރައްދުވާ އެހެން ފަރާތެއް ހޯދުމަށް ފުލުހުން ހިންގަން އުޅުނު "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަން ކުރިއަށް ގެންދެވިފައި ނުވާ ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ފުލުހުން ހުށަހަޅާފައިވާތީއެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ ރަސްމީ ފޯމުތަކާއި، ކަސްޓަމްސް އޮފިސަރުންނާއި ފުލުހުންގެ ބަޔާންތަކުގެ އިތުރުން، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި، އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލުކުރި ރިޕޯޓް އަދި އޭނާ ބޭނުންކުރި ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓް ވެސް ހިމެނެއެވެ.
ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގެ ބޯޑަރުތައް ހުރަސްކޮށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން، ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެވާ މީހުންނާއި ތަކެތި ބަލައިފާސްކުރުމުގެ ނިޒާމު ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. ޚާއްސަކޮށް ފަހަކަށް އައިސް ބޭރު ގައުމުތަކުން، ވަކިން ޚާއްސަކޮށް އަވަށްޓެހި ގައުމުތަކުން މަސްތުވާތަކެތި ރާއްޖެއަށް ޓްރެފިކްކުރަން އުޅޭ މައްސަލަތައް އިތުރުވަމުންދާތީ، އެއާޕޯޓުގައި ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންތައް ވަނީ ވަރުގަދަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ސިޓީ ދަނޑުވެރިންނަށް ހާއްސަކޮށްގެން މީދޫގައި މާރުކޭޓެއް ހުޅުވައިފި
ގަޑިއިރެއް ކުރިން

އޯޒޯން އޮފިސަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
ގަޑިއިރެއް ކުރިން

ހުޅުމާލޭގައި ފުލުހުންގެ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
ގަޑިއިރެއް ކުރިން

ނ. ޅޮހީގައި ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި
ގަޑިއިރެއް ކުރިން


