
އައްޑޫ ސިޓީ ދަނޑުވެރިންނަށް ހާއްސަކޮށްގެން މީދޫގައި މާރުކޭޓެއް ހުޅުވައިފި

އާމިނަތު ޝަޒްލާ - 16 އޮކްޓޯބަރު 2026 - 13:07
ދިވެހި އުފެއްދުންތަކަށް ހާއްސަކޮށްގެން އައްޑޫ ސިޓީ މީދޫގައި "ދަނޑުވެރިންގެ މާރުކޭޓު" ގެ ނަމުގައި ހާއްސަ މާރުކޭޓެއް ހުޅުވައިފިއެވެ.
މި މާރުކޭޓު ރަސްމީކޮށް ހުޅުވައިދެއްވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދިވެހި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި އައްޑޫ ސިޓީ މީދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، "ވީކެންޑް މާކެޓް" ގެ ނަމުގައި ތައާރަފުކުރި މި މާރުކޭޓަކީ ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް އެ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ. މިއީ އައްޑޫ ސިޓީގެ ދަނޑުވެރިންގެ އުފެއްދުންތަކާއި، އެ ސިޓީގެ އެކި ރަށްރަށުގެ އަމިއްލަ އުފެއްދުންތައް އިޝްތިހާރުކޮށް، ވިޔަފާރީގެ ރަނގަޅު މާހައުލެއްގައި އެ ތަކެތި ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަގުސޫދުގައި ހުޅުވި މާރުކޭޓެކެވެ.
މީދޫ ކައުންސިލުން ފާހަގަކުރި ގޮތުގައި، ރަށުގެ ދަނޑުވެރިންގެ ކުރިއެރުމަށާއި އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން، މި މާރުކޭޓު ވުޖޫދަށް އައުމާއެކު ދަނޑުވެރިން ހައްދާ ތަރުކާރީއާއި މޭވާގެ އިތުރުން، ގޭގޭގައި ހައްދާ އެކި ބާވަތްތަކުގެ ގަސްގަހާގެއްސާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އަމިއްލަ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ރާއްޖޭގެ ދަނޑުވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މި މަހުގެ 11 އިން 18 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން ހދ. ހަނިމާދޫ، ރ. އަނގޮޅިތީމު، ރ. ކިނޮޅަސް، ރ. ދުވާފަރު، ލ. މާބައިދޫ، ހދ. ނޮޅިވަރަމް، ނ. ލަންދޫ އަދި ހއ. ބާރަށުގައި ވެސް ދަނޑުވެރިކަމާ ގުޅޭ ތަފާތު ހަރަކާތްތައް ވަނީ ރާވާފައެވެ.
ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ރާއްޖެއަށް އެތެރެކުރާ ތަކެތީގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ދަނޑުވެރިކަމުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އޯޒޯން އޮފިސަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފި
ގަޑިއިރެއް ކުރިން

ހުޅުމާލޭގައި ފުލުހުންގެ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
ގަޑިއިރެއް ކުރިން

ނ. ޅޮހީގައި ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި
ގަޑިއިރެއް ކުރިން


