
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން / ފޮޓޯ: އަސްލު ޓީވީ
ރާއްޖޭގެ ބިން ބޭރު މީހުންނަށް 99 އަހަރަށް ނުދެވޭނެ: އަލީ ހުސައިން

މުޙައްމަދު ފަޟްލޫން - 19 އޮކްޓޯބަރު 2026 - 13:54
ދިވެހިރާއްޖޭގެ ބިން 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ދޫނުކުރެވޭނެކަން ގާނޫނުގައި ސަރީޙަކޮށް ބަޔާންކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢާ ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން ގައުމީ ހަރަކާތުގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ އެއްބަސްވުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރިތާ އަނެއް ދުވަހު، އެކަމާ ގުޅޭ ގާނޫނުތައް ހަދަންޖެހޭނެ ކަމަށް ބަންޑާރަނައިބު ވިދާޅުވުމަކީ، އެ އެއްބަސްވުން އެކުލަވާލާފައިވަނީ ގާނޫނީ އެއްވެސް އަސާސެއް ނެތިކަން ހާމަވާ ކަމެކެވެ.
މީގެއިތުރުން، އެ އެއްބަސްވުމަކީ އަމިއްލަ ޒާތުގައި ގާނޫނެއް ފަދަ އެއްޗެއްގެ ގޮތުގައި ބަންޑާރަނައިބު ނުސީދާކޮށް ސިފަކުރައްވަމުން ގެންދަވާ ކަމަށާއި، ނަމަވެސް އެއީ ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމެއްކަން ބަންޑާރަނައިބަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެއްބަސްވުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވުމުގެ ބަދަލުގައި، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއަށް ފަހުން ގާނޫނު ހަދައިގެން ސައްހަކަން ދޭން ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
ގާނޫނީ އިމުގެ ބޭރުން، ދައުލަތުގެ މާލިއްޔަތުން ހަރަދެއް ހިނގާ ނުވަތަ ދައުލަތް ޒިންމާވާންޖެހޭ ފަދަ އެއްވެސް މުޢާމަލާތެއްގައި ސޮއިކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެން ނުވާކަން ފާހަގަކުރައްވަމުން އަލީ ވިދާޅުވީ، ގާނޫނުގައި މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ ހައްގު އޮންނަނީ ހަމައެކަނި ޢާންމު ރައްޔިތުންނަށް ކަމަށެވެ.
ދައުލަތަށް ޢަމަލުކުރެވޭނީ ހަމައެކަނި ގާނޫނުގައި އެކަމެއް ކުރުމަށް ސަރީޙަކޮށް ހުއްދަ ދީފައިވާ ކަންކަމުގައި ކަމަށާއި، އެހެންކަމުން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ އިހްތިޔާރާއި ބާރު ދައުލަތަށް ލިބިގެން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލީ އިޞްލާޙުތަކަށް ބައިނަލްއަޤްވާމީ އިތުބާރު އެބައޮތް: މާލީ ވަޒީރު
7 ގަޑިއިރު ކުރިން

އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސް ކަމަށް ޒާޔާ ވާދަކުރައްވަނީ
7 ގަޑިއިރު ކުރިން

ޗައިނާގެ ކުންފުންޏަކާއެކު 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރި ސްޓޯރޭޖް ޤާއިމުކުރުމުގެ އެއްބަސްވުމެއް!
8 ގަޑިއިރު ކުރިން

އިމިގްރޭޝަނުން 3 ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފި
8 ގަޑިއިރު ކުރިން


