.webp&w=3840&q=75)
ރާމަﷲގެ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ބަޔަކު ޒަޚަމްވެއްޖެ

އާމިނަތު ޝަޒްލާ - 10 އޮކްޓޯބަރު 2026 - 11:24
ހުޅަނގު އައްޑޭރީގެ ރާމަﷲ ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ ދީރު އަބޫ މަޝްޢަލް އަވަށަށް އިސްރާއީލުގެ ހައްދުފަހަނައެޅި އިސްތިއުމާރީ ސިފައިން ހޮނިހިރު ދުވަހު ދިން އަނިޔާވެރި ހަމަލާތަކެއްގައި ފަލަސްތީނުގެ ނޫސްވެރިއަކު ޒަޚަމްވެ، އިތުރު ގިނަ ބަޔަކަށް ކަރުނަގޭހުގެ އަސަރުކޮށް ސިއްހީ ހާލަތު ގޯސްވެއްޖެއެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިންގެ ފައުޖުތަކުން މި ހަމަލާ އަމާޒުކޮށްފައިވަނީ އެ އަވަށުގެ ދަނޑުބިންތަކުގައި ޒައިތޫނި ބިނުމުގެ މަސައްކަތުގައި އަވަދިނެތި އުޅުނު އާންމު ރައްޔިތުންނަށެވެ. އެ ސަރަހައްދުން ފަލަސްތީނު ރައްޔިތުން ގަދަކަމުން ބޭރުކުރުމަށްޓަކައި އިސްރާއީލު ސިފައިން ވަނީ ބާރުގެ ބޭނުންކޮށް، ގިނަ އަދަދަކަށް ކަރުނަގޭހާއި އަޑުގަދަ ބޮން އަދި ރަބަރު ވަޒަން ބޭނުންކޮށްފައެވެ. މި ހަމަލާތަކުގެ ސަބަބުން ދަނޑުވެރިންނަށާއި އެ ސަރަހައްދުގައި ތިބި އާންމުންގެ ތެރެއިން ގިނަ ބަޔަކަށް ނޭވާލާން އުނދަގޫވެ، ފަރުވާދޭން ޖެހުނެވެ.
މި ހާދިސާ ހިނގަމުންދިޔަ ވަގުތު، ހަގީގަތް ހާމަކުރުމަށްޓަކައި އެ މަންޒަރުތައް ކަވަރުކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފަލަސްތީނުގެ ނޫސްވެރިއަކަށް ވެސް އިސްރާއީލު ސިފައިން ވަނީ ގަސްދުގައި އަމާޒުކޮށް ހަމަލާދީފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، އެ ނޫސްވެރިޔާގެ ފަލަމަސްގަނޑަށް ވަނީ އިސްރާއީލު ސިފައިން ޖެހި ރަބަރު ވަޒަނެއް އަރައި ޒަޚަމްތަކެއް ލިބިފައެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަނެ، އެމީހުންގެ އަނިޔާވެރި އަމަލުތައް ދުނިޔެއަށް ސިއްރުކުރުމަށް ދިން ހަމަލާއެއް ކަމަށް އެ ސަރަހައްދުގެ ހަރަކާތްތެރިން ސިފަކުރެއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ޒައިތޫނި ބިނުމުގެ މޫސުމަކީ ހަމައެކަނި ދަނޑުވެރިކަމުގެ އަހަރީ މޫސުމެއް ނޫނެވެ. އެއީ ފަލަސްތީނުގެ ބިމާއި އެމީހުންގެ ސަގާފަތާއި ވަޒަނާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭ، އަދި އިގްތިސާދީ ގޮތުން އެތައް އާއިލާއެއްގެ ދިރިއުޅުން ބިނާވެފައިވާ މުހިންމު ދުވަސްވަރެކެވެ. ނަމަވެސް، ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިންނާއި އިސްތިއުމާރީ ސިފައިންގެ ފަރާތުން ފަލަސްތީނުގެ ދަނޑުވެރިންނަށް އެންމެ ބޮޑެތި ފުރައްސާރަތަކާއި ހަމަލާތައް ކުރިމަތިވާ ވަގުތެވެ. ޒައިތޫނި ގަސްތައް އަންދާލުމާއި، ގަސްތައް ކަނޑައި ބިމާ ހަމަކުރުމުގެ އިތުރުން ދަނޑުވެރިންނަށް އަނިޔާކޮށް ބިރުދެއްކުމަކީ އިސްރާއީލުން އާދަކާދައިގެ މަތިން ހިންގަމުންދާ ޖަރީމާތަކެކެވެ.
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ގަތުލުއާންމުތަކާ އެކު، ހުޅަނގު އައްސޭރީގައި ވެސް އިސްރާއީލު ސިފައިންގެ އަނިޔާވެރިކަމާއި، ޔަހޫދީ ވަޒަންވެރިންގެ ޓެރަރިސްޓް ހަމަލާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފަލަސްތީނުގެ އަވަށްތަކަށް ވަދެގަނެ، އާންމުން ހައްޔަރުކުރުމާއި، މުދާތައް ހަލާކުކުރުމުގެ އަމަލުތައް ހިންގަމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން މިކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމުގެ ޝަކުވާ ފަލަސްތީނުގެ ރައްޔިތުން އަބަދުވެސް ކުރެއެވެ. ދީރު އަބޫ މަޝްޢަލް އަވަށުގައި ހިނގައިދިޔަ މި ހާދިސާއަކީ ވެސް ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުން އެމީހުންގެ އަސްލު ވަޒަނުން ބޭރުކުރުމަށް އިސްރާއީލުން ރާވައިގެން ހިންގާ ނިރުބަވެރި ސިޔާސަތުގެ ބައެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

އީގަލްސް ހިލްސް ކުންފުނީގެ ”ލޯ“ ދިވެހިރާއްޖެ އަށް! ކީއްވެ؟
17 ގަޑިއިރު ކުރިން

ހަނގުރާމަ ނިންމުމަށް އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ބޮޑުތަނުން މަދުކުރަންޖެހޭ: އެމެރިކާ
ދުވަހެއް ކުރިން

ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލްސް ހިލްސްއަށް ދިނުމާ ދެކޮޅަށް މުޅި ޤައުމު އެކީ ތެދުވަންޖެހޭ!
ދުވަހެއް ކުރިން

ޕްރައިމަރީގައި ރަނިންމޭޓުން އިއުލާނުކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން
2 ދުވަސް ކުރިން


