
ހަނގުރާމަ ނިންމުމަށް އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ބޮޑުތަނުން މަދުކުރަންޖެހޭ: އެމެރިކާ

އާމިނަތު ޝަޒްލާ - 09 އޮކްޓޯބަރު 2026 - 12:20
ހަތް މަސްދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި އެމެރިކާގެ ޝަރުތުތަކަށް އިޖާބަދިނުމުގެ ގޮތުން، އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު ބޮޑުތަނުން ދަށްކުރަންޖެހޭ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެއެވެ.
ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ވެންސް ވިދާޅުވީ، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުންނުވާ ކަމަށް ބުނާއިރު %60 އަށް ޔުރޭނިއަމް މުއްސަނދިކުރަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ހަކަތަ އުފެއްދުމުގެ އެއްވެސް މަދަނީ ބޭނުމަކަށް އެ މިންވަރަށް ޔުރޭނިއަމް ބޭނުންނުވާނެ ކަމަށާއި، އެއީ ހަމައެކަނި ހަތިޔާރު އުފެއްދުމުގެ ފެންވަރަށް ވާސިލުވުމަށް ކުރާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ނިއުކްލިއަރ ހަތިޔާރު ނުއުފައްދާނެ ކަމުގެ އިތުބާރު ދިނުމަށްޓަކައި ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމުގެ އަމަލީ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، ނަމަވެސް އެފަދަ ދާއިމީ ނިންމުމެއް އަދި ފެނިފައިނުވާ ކަމަށް ވެންސް ވިދާޅުވިއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ލަސް ދުވެއްޔެއްގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، އީރާނުގެ ނިއުކްލިއާ ގާބިލުކަން އެއްކޮށް ނައްތާލައި އެ ގައުމުގެ ހަތިޔާރުތައް އުވާލުމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ވައިގެ ހަމަލާތަކެއް ދޭން ފެށިއިރު، އޭގެ ކުޑަދުވަސްކޮޅެއް ފަހުން އެމެރިކާވެސް ވަނީ އެ ހަމަލާތަކުގައި ބައިވެރިވެފައެވެ. 12 ދުވަހަށް ދެމިގެންދިޔަ މި އަސްކަރީ ހަރަކާތުގައި، އޭރު އީރާނުގައި ހިންގަމުންދިޔަ ޔުރޭނިއަމް މުއްސަނދިކުރާ ތިން މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއްދީ ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ. އދ. ގެ ނިއުކްލިއާ މުއައްސަސާ ކަމަށްވާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނާ ގޮތުގައި، ބިމުން މަތީގައި ހުރި ހަމައެކަނި މަރުކަޒު ކަމަށްވާ ނަތަންޒް މުޅިން ސުންނާފަތިވެފައިވާއިރު، ނަތަންޒް އަދި ފޯޑޯގެ ބިމުއަޑީގެ މަރުކަޒުތައް ވެސް މިހާރު ބޭނުންނުކުރެވޭ ކަމަށް ބެލެވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ގާތްވެފައިވާ ކަމަށް ބުނި ނަމަވެސް، އައިއޭއީއޭ އިން ހާމަކުރި ގޮތުގައި އެފަދަ މަޝްރޫއެއް ހިންގާކަމުގެ އިތުބާރު ހުރި ހެއްކެއް ފެންނާކަށް ނެތެވެ. ނަމަވެސް ހަމަލާތައް ދިނުމާ ހަމައަށް އީރާނުގައި %60 އަށް މުއްސަނދިކޮށްފައިވާ 440.9 ކިލޯގެ ޔުރޭނިއަމް ހުރި ކަމަށް އައިއޭއީއޭ އިން އަންދާޒާކުރެއެވެ. މިއީ އިތުރަށް މުއްސަނދިކޮށްފިނަމަ 10 ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ފުދޭނެ މިންވަރެކެވެ. މީގެއިތުރުން ދަށް މިންވަރުތަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރަސްމީ ރިޒާވެއްވެސް އީރާނުގައި ހުއްޓެވެ.
ހަމަލާތަކަށްފަހު ސަލާމަތްވި ޔުރޭނިއަމްގެ މިންވަރާއި އެ ތަކެތި ހުރި ތަނެއް އީރާނުން އައިއޭއީއޭ އަށް އަންގާފައެއް ނުވެއެވެ. އަދި ތަންތަން ބަލައި ފާސްކުރުމުގެ ހުއްދައެއްވެސް ނުދެއެވެ. އެހެންނަމަވެސް، ހަމަލާތަކުގެ އެއް ދުވަސް ކުރިން އިސްފަހާންގައި ބިމުގެ އަޑީގައި ހުޅުވި އާ މަރުކަޒަށް އެމެރިކާގެ ބޮން އެޅުމުން ގެއްލުމެއް ލިބިފައިނުވާ ކަމަށް ޑިޕްލޮމޭޓުން ބުނާއިރު، އައިއޭއީއޭ ގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވީ %60 އަށް މުއްސަނދިކޮށްފައިވާ 200 ކިލޯއަށްވުރެ ގިނަ ޔުރޭނިއަމް އިސްފަހާނާއި ނަތަންޒްގައި އަދިވެސް ހުރި ކަމަށް ބެލެވޭ ކަމަށެވެ.
މިވަގުތު އީރާނުން ޔުރޭނިއަމް މުއްސަނދިކުރަމުންދާ ކަމަށް އެނގިފައި ނުވިނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ މަސައްކަތްތަކަށް ގެންނަ ކޮންމެ ބަދަލެއް ބަލާނީ ކުރިން ހުރި މިންވަރާ އަޅާބަލައި، ޔުރޭނިއަމްގެ ސާފުކަން ދަށްކުރުމާއި އުފައްދާ މިންވަރާއި މަރުކަޒުތައް މަދުކުރާ މިންވަރަށް ބަލައިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލްސް ހިލްސްއަށް ދިނުމާ ދެކޮޅަށް މުޅި ޤައުމު އެކީ ތެދުވަންޖެހޭ!
ގަޑިއިރެއް ކުރިން

ޕްރައިމަރީގައި ރަނިންމޭޓުން އިއުލާނުކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން
4 ގަޑިއިރު ކުރިން
.webp&w=3840&q=75)
ކައުންސިލްތަކުގެ ބާރުވެރިކަމަށް ބޮޑު ހޭދައެއް: 9 މަސް ދުވަހުގެ ތެރޭގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި
ދުވަހެއް ކުރިން

ސައުދީ އަރަބިއްޔާގެ އެއަރޕޯޓްތަކަށް ހޫތީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ދުވަހެއް ކުރިން


