logo

ކައުންސިލްތަކުގެ ބާރުވެރިކަމަށް ބޮޑު ހޭދައެއް: 9 މަސް ދުވަހުގެ ތެރޭގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި

profile

އާމިނަތު ޝަޒްލާ - 08 އޮކްޓޯބަރު 2026 - 12:07

މި އަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މިއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

https://wamco.com.mv/

މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ދޫކުރި 1.8 ބިލިޔަން ރުފިޔާއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 9 މަސް ދުވަހު ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށްފައިވަނީ 1.6 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން، މި އަހަރު ދޫކުރި އަދަދަކީ މިދިޔަ އަހަރަށްވުރެ 12 އިންސައްތަ އިތުރު އަދަދެކެވެ.

މި ހިނގާ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ކަނޑައަޅައި ބަޖެޓުކޮށްފައިވާ އަހަރެވެ. އެގޮތުން، މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލުތަކަށް ޖުމްލަ 2.4 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މި އަދަދު އިތުރަށް މަތިކޮށް، ކައުންސިލްތަކުގެ ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ކައުންސިލުތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި 2023 ވަނަ އަހަރު ބަޖެޓުގައި 2.1 ބިލިޔަން ރުފިޔާ ކަނޑައެޅި ނަމަވެސް، އަހަރު ނިމުނުއިރު ބަޖެޓަށްވުރެ އިތުރަށް 8 މިލިޔަން ރުފިޔާ ވަނީ ކައުންސިލުތަކުގެ ބޭނުންތަކަށް ހޭދަކޮށްފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން، 2020 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަމުން އަންނަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ބިނާކޮށް އެކުލަވާލާފައިވާ ޚާއްސަ ފިސްކަލް ފޯމިއުލާއެއްގެ ދަށުން "ބްލޮކް ގްރާންޓް" ގެ ގޮތުގައެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލުތަކަށް މާލީ މިނިވަންކަން ދީ، ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ތަރައްޤީގެ މަޝްރޫޢުތައް އަމިއްލައަށް ރާވައި ހިންގުމުގެ ބާރުވެރިކަން ދިނުމެވެ.

މި އުސޫލުން ފައިސާ ދޫކުރުމުގައި އާބާދީއާއި ބިމުގެ ބޮޑުމިނަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލުތަކަށެވެ. އަދި މުޅި ރާއްޖެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިގެން ދަނީ މާލޭ ސިޓީ ކައުންސިލަށެވެ. ސަރުކާރުންވެސް އަންނަނީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި، ކައުންސިލުތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319